logo

އާންމު ސިއްހަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުމަކީ ކޮންމެހެން ބޭނުންކަމެއް: ރައީސް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ދުވަސް ފާހަގަކުރާއިރު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވޭ ކަމަށެވެ. އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭއަޅަންޖެހޭ ބަލިމީހުންނަށް އެ ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ލެއަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް އަންނަ ބަދަލުތަކާއެކުވެސް އޭގެ އިތުރު ގޮތެއް ނެތް އަދި ކޮންމެހެން ބޭނުންވާ އެއްޗެއްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމަކީ މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިފަދަ ގައުމަކަށް ބޭނުންވާ ވަގުތު، ލޭ ލިބޭނެ އިންތިޒާމުތަށް ހަމަޖެހިފައި ހުރުމަކީ ސިއްހީ ގޮތުން ދިމާވާ ކުއްލި ހާލަތްތަކުގައި މުހިންމު ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އާންމު ހޭލުންތެރިކޮށް، އަމިއްލައަށް ލޭ ހަދިޔާ ކުރުމަށް ބާރުއެޅުމަށާއި މުޖުތަމައުގެ އެންމެންގެ ދުޅަހެޔޮ ސިއްހަތަކަށް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރެއްގައި ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

ad