މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބަދަލު ގެނެސް އިސްލާހުތަކެއް ކަނޑައަޅައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލޭ ނޯތު ހާބަރުގެ ކިއު ނިޒާމަށް ގެނެވުނު އިސްލާހްތަކަކީ ކިއު އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ގޮތުގައި ހިންގުމަށްޓަކައި ގެނެވޭ ބަދަލުތަކެއް ކަމަށާއި، އެހެންކަމުން، އުޅަނދުފަހަރުގެ ވެރިންނާއި، ނެވިން އަދި ކަމާއި ގުޅުންހުރި އެންމެހާ ފަރާތްތަކުން،ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން އިސްލާހަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ގެނައި އިސްލާހް ތަކަށް އަމަލުކުރަން ފަށާނީ 20 ޖުލައި 2026 ވާ ދުވަހުގެ ރޭ 23:59 އިން ފެށިގެން ކަމަށާއި، އުސޫލުގެ ދަށުން، "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު ފަސް ދުވަހުގެ މުއްދަތަށް ކިއު އިން ކެންސަލް ނުވާގޮތަށް " ހޯލްޑްކުރުމަށް އޮންނަ ފުރުސަތު މުޅިން އުވާލެވޭނެ ކަމަށެވެ. އަދި އޭގެ ތެރޭގައި "ޕޯސްޓްޕޯން ކުރުމުގެ ފުރުސަތު، ކުރިންވެސް އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ކުރިއަށްދާނެ ކަމަށާއި، އެއްފަހަރާ ގިނަ ކިއުތަކުގައި ނޯޓު ކުރުމުގަ ވެސް އެއްއުޅަނދަކުން އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓު ކުރުމަށް އޮންނަ ފުރުސަތު ޖުލައި 20 ގެ ފަހުން އުވައިލެވޭނެ ކަމަށް ވަނީ ނިންމާފައެވެ.
އަދި މި ތާރީޚުން ފެށިގެން އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން އަދި "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ ނޯޓު ކުރެވޭނީ އެއުޅަނދަކުން އިޚްތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގަ ކަމަށާއި، އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން އެއްދަތުރެއް ކަމަށް ބަލާނީ ނޯތު ހާބަރުގެ "އޭ" ޒޯން، "ސީ" ޒޯން އަދި އެކްސްޕްރެސް ޒޯނަށް ކިއުތަރުތީބުން ޖާގަ ދެވި ކީވޯލަށް އުޅަނދު ކައިރިކޮށް މުދާ އަރުވައިނިމި، ކީވޯލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހު ފުރުމުން ކަމަށެވެ.

.jpg&w=256&q=75)
