logo

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވައި ނުސާފުވެއްޖެ

މަޒީ
17 ގަޑިއިރު ކުރިން

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓާތަކުން ދައްކައިފި އެވެ.

އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 102 ގަ އެވެ.

ވައިގެ ކޮލެޓީ ދައްކުވައިދޭ އައިކިއުއެއާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ ރާއްޖޭގެ އުތުރަށެވެ. އެގޮތުން އެ ސަރަހައްދުގައި ވައި ނުސާފު މިންވަރު ގިންތިކޮށްފައިވަނީ އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 158 އާއި 165އާ ދޭތެރޭ، ރަތް އެލާޓެއްގެ ގޮތުގައެވެ. އެއީ އާންމުކޮށް އެންމެންގެ ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑުވާ ހާލަތެކެވެ.

އޭގެ އިތުރުން މެދުރާއްޖެ ތެރޭގެ ސަރަހައްދުގައި ވެސް ވައި ނުސާފު ކަމަށް އައިކިއުއެއާގެ ތަފާސްހިސާބުން ދައްކައެވެ. އެއީ އޭކިއުއައި 126 ނުވަތަ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއްގެ ގޮތުގައެވެ. އެއީ ވެސް، އާންމުކޮށް އެންމެންނަށް، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވުމާއި ނެވޭލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނަ ހާލަތެކެވެ.

މީގެ އިތުރުން ދ. އަތޮޅުގައި ވެސް ވައި ނުސާފުވެފައިވާ ކަމަށް އައިކިއުއެއާއިން ދައްކާއިރު، އެ ސަރަހައްދުގައި އޭކިއުއައި ހުރީ 60ގައެވެ.

އެ ވެބްސައިޓުން ދައްކާ ގޮތުން ދެކުނުގެ ވައިގެ ސާފުމިން ހުރީ ރަނގަޅު މިންވަރެއްގައި ކަމަށެވެ.

އައިކުއެއާއިން ދައްކާގޮތުގައި ވައި ސާފުކަމުގެ މިންވަރު ހުރުން ރަނގަޅީ 0-50 އާއި ދެމެދުގައެވެ. އެ ގިންތީގައި ހުންނަ ނަމަ، ވައިގެ ތެރޭގައި އެއްވެސް ނުރައްކަލެެއް ނެތް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ރާއްޖެއަށް އާންމުކޮށް ނުސާފު ވައިގެ އަސަރު އެންމެ ބޮޑަށް ކުރަނީ އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަ ގޮތުން، އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. އަންނަ މަހު މޫސުން ބަދަލުވެ، ޑިސެމްބަރުގައި އިރުވައި މޫސުން ފެށުމާ އެކު، އަނެއްކާވެސް ނުސާފު ވައިގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވެ އެވެ.

ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އަހަރަކަށް ވުރެ އަހަރަކު އިތުރުވަމުންދާކަން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ad