ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ދެއްވައިިފިއެވެ.
މި ޔަގީންކަން ސީޕީ ޒަރީރު ދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ސީޕީގެ ވާހަކައިގައި ކަރެކްޝަންސްގެ އަހަރީ ދުވަސް، މިއަހަރުގެ ޤައުމީ ދުވަސް އިއްތިފާގުން އެއްދުވަހަކަށްވީތީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ހިތްވަރުގަދަ ބަޠަލުންތަކެއް ކުޑަ ވަސީލަތްތަކަކާއެކު ދޯންޏެއްގައި ދަންވަރު މާލެ އަރައި ޤައުމު ސަލާމަތްކުރި ފަދައިން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުމުގައި މަދު ވަސީލަތްތަކަކާއެކު ފަރުދާގެ ފުރަގަހުގައި އޮފިސަރުން ޖަލު ބެލެހެއްޓުމަށް ކުރަމުންގެންދާ ހީވާގި އަދި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.
އަދި ވޭތުވެ ދިޔަ އަހަރު ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރެވި، ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނަކާއި ބެގެޖް ސްކޭނިންގ މެޝިން ބެހެއްޓިފައިވާ ކަމަށާއި 2015 އިން ފެށިގެން ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށްވެސް ސީޕީ ޒަރީރު ވިދާޅުވިއެވެ.
ސަރުކާރުގެ ސްކީމްތަކުން ބޯހިޔާވެހިކަން ލިބޭނެކަން ކަށަވަރުވެފައިވާކަން ފާހަގަކުރައްވާ ޒަރީރުގެ ވާހަކަ ނިންމަވައިލެއްވެވީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެއާއި ދުވާލު ވަމުންދާ ޤުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުންނެވެ.

.jpg&w=256&q=75)
