logo

މަދަނީ ޖަމުޢިއްޔާތަކަށް ދޫކުރާ ގްރާންޓަށް ހުޅުވާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާ ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" އެސްޖީއައިއައި މަޝްރޫޢުގެ ދަށުން، މަދަނީ ޖަމުޢިއްޔާތަކަށް ހުޅުވާލާ ގްރާންޓް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ

ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫއުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ގްރާންޓް ޕްރޮގްރާމެއް ކަމަށް ސިއްހީ ވުޒާރާއިން ބުނެއެވެ.

މި ގްރާންޓު ޕްރޮގްރާމުގެ ދަށުން އެހީ ދޫކުރެވޭނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެ، އެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ މަދަނީ ޖަމުޢިއްޔާތަށް ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކަށް، ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާއި ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 1,156,500 ރުފިޔާއެވެ.

އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 925,000 ރުފިޔާއެވެ.

ad