ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 61 ޕަސެންޓް ސްކޫލްގެ މަސައްކަތް ނިމިފައިވާ ކަމަށް މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ޝަރަފުއްދީން ސްކޫލުގައި އޭސީ ހަރުކުރުގެ މަސައްކަތާއި ގުޅޭގޮތުން، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެ މަޝްރޫޢުއަކީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ފަށާފައިވާ މަޝްރޫޢުއެއްކަމަށެވެ.
ޖުމްލަ 217 ސްކޫލެއްގައި ކުރިއަށްގެންދާ ކޫލްސްކޫލް ޕްރޮޖެކްޓްގެ 61 އިންސައްތަ ސްކޫލުގެ މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަސައްކަތް ނުނިމި ހުރި ސްކޫލްތަކުގެ ކަރަންޓުވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ. ޝަރަފުއްދީން ސްކޫލް ވެސް ހިމެނެނީ އޭސީ ހަރުކޮށް ނިންމާ، ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަރުހަލާގައި މަސައްކަތް އޮތް ސްކޫލްތަކުގެ ތެރޭގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މަސައްކަތް އަވަސްކުރުމަށް އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އެ މަޝްރޫޢު ނިންމާލުންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ބައެއް ސްކޫލުތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށެވެ. ވަޒީރު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ގިނަ ސްކޫލުތަކުގައި މަސައްކަތް ނިންމާލުން ކަމަށެވެ.
ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

