އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ބަދަހިކުރުމަށް ރާއްޖޭން ސާބިތުވެ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އޯއައިސީގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިިއްޒުގެ މެސެޖުގައި ވަނީ، މުސްލިމު ޤައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގައާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގައި އޯއައިސީން އަދާކުރަމުންދާ ދެމެހެއްޓެނިވި ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ބައިޤަރުނު ފާއިތުވެގެން ދިޔައިރުވެސް، ބައިނަލްއަޤްވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ މުހިންމުކަން ކުޑަނުވާކަން ފާހަގަކުރައްވައި، އަދުގެ ދުނިޔޭގައި އެ ޖަމާޢަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެމިއޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޯއައިސީ އުފެދުނުތާ ދިހަ އަހަރު ނުވަނީސް، 20 ޖުލައި 1976 ގައި އެ ޖަމާޢަތުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ބަލައިގަތުމުގެ ހަނދާންތައް އައުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިއީ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމްކުރުމާއި، އެއްބައިވަންތަކަމާއި، މެންބަރު ޤައުމުތަކުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ފެށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި، އިސްލާމިކް ސަމިޓްތަކުގައާއި، ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުންތަކުގައާއި، އެނޫންވެސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޯއައިސީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުޅާ ދާއިރާއެއްގައި ޙިއްޞާވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް އަދި އޯ.އައި.ސީގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އޯއައިސީއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި ޢާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއްކަމަށާއި، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުޞޫލުތަކާއި އިންޞާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ހެއްކެއްގެ ގޮތުގައި، ފަލަސްޠީނު ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ޙައްޤުތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުންދާ ދިއުމާއި، ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް އިންޞާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، އޯއައިސީގެ މަޤްޞަދުތައް ޙާޞިލުކުރުމަށާއި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރެއްވިއެވެ. އަދި މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޢަމަލީގޮތުން، ހާލަތާއި ވަގުތާގުޅޭ، އަދި ނަތީޖާ ނެރެދެވޭނެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

