ފާއިތުވީ 900 އަހަރު ދިވެހިން ތިބިގޮތަށް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދީނުގެ މަގުގަ ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅިގެން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ ވޭތުވެދިޔަ ނުވަ ގަރުނުގެ ދިގު ތާރީޚުގައި ދިވެހިންގެ ކާބަފައިން ވަނީ ދުވަހަކުވެސް ފަނޑުނުވާނެ ވަރުގަދަ އިބުރަތެއް ދައްކުވައިދީފަ ކަމަށެވެ.
ރައީސް މައުމޫން ވަނީ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެމަނިކުފާނުގެ ނަންފުޅުގައި އަރިސްކުރައްވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ ހިޖުރީ ގޮތުން 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު ރާއްޖެ އިސްލާމްދީން ގަބޫލުކުރި ފަހުން މިއަދަށް 900 އަހަރު ފުރިފައިވާ ކަމަށެވެ. އަދި ދިވެހިންގެ މާޒީގައި ދިވެހިރާއްޖެއަށް ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވާކަމަށާއި އަދި ދީނަށް އެއްވެސް ލޮޅުމެއް އެރިޔަނުދީ ވަރަށް ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވިކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަކީ ދިވެހި ގައުމުގެ އަސްލުގެ ބިންގާ ކަމަށާއި، ދިވެހިވަންތަކަން ބިނާވެފައި އޮތީ އިސްލާމީ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި އެ ބިންގާ ދޫކޮށްލައިގެން ދިވެހި ގައުމަށް އެއްވެސް ކުރިއެރުމެއް އަދި އަމާންކަމެއް ނުލިބޭނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ބައެއްގެ ގޮތުގައި ދިވެހިން ދެމިތިބުމަށް އިލްތިމާސްކުރާ ކަމަށް ވިދާޅުވިއެވެ.

.jpg&w=256&q=75)
