ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ކަމަށެވެ.
މި ސަމާލު ދަންމާލާފައިވަނީ މިއަދުގެ 10:30 އިން ފެށިގެން ހަވީރު 16:30 އާ ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ހުޅުމާލެއަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ހުޅުމާލެއަށް އިއްޔެ ވަނީ 66 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ހުޅުމާލެ ފިޔަވައި ދެން އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށެވެ. އެއީ 44 މިލިމީޓަރުގެ ވާރޭއެވެ.
މީގެ އިތުރުން ހުޅުލެއަށް 43.4 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، މާލެއަށް ވަނީ 43.7 މިލިމީޓަރުގެ ވާރޭވެހިފައެވެ. އަދި އއ. ތޮއްޑޫއަށް ވަނީ 33.2 މިލިމީޓަރުގެ ވާރޭވެހިފައެވެ.


