logo

ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ކިބުރުވެރިކަމެއް ނެތި މަޑުމައިތިރިވުމާއި، އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއް ކަމަށާއި، ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމެއް ހުކުރު ޚުޠުބާ ބުނެފިއެވެ.

"މަޑުމައިތިރިކަން އިސްކުރުން" މި މައުޟޫޢަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ، ނަމާދާއި ރޯދަ ފަދަ ފަރުޟުތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ގެންގުޅޭ ރިވެތި އުސޫލުތަކަކީ ދީނުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެއް ކަމަށެވެ. އެހެނަސް ހިތާމައަކީ، އެ ފަދަ ހެއުލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަން ހުކުރު ޚުޠުބާގައި ބުނެއެވެ.

ޚުތުބާގައި ބަޔާންކުރި ގޮތުގައި، މިއަދު ގިނަ ބަޔަކު ހީކުރަނީ ނަމާދާއި ރޯދައާއި ޙައްޖާއި ޒަކާތް ފަދަ އަޅުކަންތައް އަދާކުރުމުން ދީން ފުރިހަމަވީ ކަމަށެވެ. ނަމަވެސް، ފަރުޟުތަކާއި ސުންނަތްތަކަށް ރައްކާތެރިވާ ބައެއް މީހުންގެ ކިބައިން ވެސް މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުން ފަދަ ނުބައި ސިފަތައް ފެންނަމުންދާ ކަމަށް ޚުތުބާގައި ހިތާމައާއެކު ފާހަގަކުރިއެވެ.

ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަހުލުވެރީންނާއި، އަޞްޙާބުންނާއި، އަވަށްޓެރީންގެ އިތުރުން ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ރަސޫލާ ﷺ ގެ ޙަދީޘްފުޅަކާ ޙަވާލާދީ ބުނެފައިވަނީ، "ޙަޤީޤީ މުސްލިމަކީ، އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ" ކަމަށެވެ. އަދި މަޑުމައިތިރިކަމުގެ ސިފައިން މަޙުރޫމުވެއްޖެ މީހާ، ހުރިހާ ހެޔޮކަމަކުން މަޙުރޫމުވެއްޖެކަން ކަށަވަރުވާ ކަމަށް ވެސް ޚުތުބާގައި ބަޔާންކުރިއެވެ.

ނިންމާލަމުން ޚުތުބާގައި ގޮވާލާފައިވަނީ، ނަރަކަ ޙަރާމްކުރެއްވިގެންވަނީ އޯގާތެރި، މަޑުމައިތިރި، އަދި މީސްތަކުންނާ ގާތްކަން ބަހައްޓާ މީހުންނަށް ކަމަށެވެ. އަދި ހަރުކަށި، އަދަބުކުޑަ، ބޮޑާ އަދި ކިބުރުވެރި މީހުންނަކީ ނަރަކައިގެ އަހުލުވެރިން ކަމަށް ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާކަން ހަނދާންކޮށްދީ، އެންމެހައި މުޢާމަލާތްތަކުގައި ރިވެތި އަޚުލާޤު އިސްކުރުމަށް ނަޞޭޙަތްތެރިވިއެވެ.

އެހެންކަމުން، މާތް اللهގެ ރުއްސެވުން ހޯދުމަށްޓަކައި އެކަކު އަނެކަކަށް ތަވާޟުޢުވެރިވާ، އޯގާތެރި ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހުރިހާ މުސްލިމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ad