logo

އިންސާނީ ކަރާމާތް ނަގަހައްޓައި ދުވަސްވަމުންދާ އާބާދީއެއް، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު

އާމިނަތު މޫސާ
38 މިނިޓު ކުރިން

އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުސަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ރާއްޖެއެއް ބިނާކުރެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި ޤައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށް ތައްޔާރުވާންޖެހޭ ކަމަށެވެ. އެގޮތުން މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާއި ކުރިމަތިލާންޖެހޭ ޢުމުރު ފަސްކުރުމަށް މަސައްކަތް ކުރުމުގެ ސަބަބުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކެއަރ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެފަދަ ވުނަކުރުމުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެއްބާރުލުން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ޢާއިލާތަކަށް، ވަކިން ޚާއްޞަކޮށް އަންހެނުންނާއި އަންހެން ކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މިފަދައިން މީހުންނަށް އަޅައިލުމުގެ ޚިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުޞަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެ މިއަދު މިވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިޤާލީ މަރުޙަލާއެއްގައިކަން ފާހަގަކުރައްވައި ރައީސް ވަނީ، މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރު ތަރައްޤީކޮށް، ހަރުދަނާ ސުމޭކު އިޤުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންސާނީ ތަރައްޤީގެ މި ލަނޑުދަނޑިތަކާ އެކުއެކީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްޤީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމަޢަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާންޖެހޭނޭ ކަމަށެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ޞައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތު ރަށުފެންވަރުގައި އަދާހަމަކުރެވޭނޭފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ޤާނޫނީ އިޞްލާޙުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުންދިޔަ އުސްލޫބުތައް އެކުލަވާލައިގެން ޤާއިމުކުރެވޭ ހައިބްރިޑް އުސޫލަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.

ad