މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް އަތުލައިގަނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕްރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ ހ.މާދޫގެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައި ވަނީ އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި އޮޕަރޭޝަން މިހާރުވެސް ކުރިއަށް ގެންދާއިރު، މީގެ އިރުކޮޅެއް ކުރިން މާދޫގޭ ކައިރީގައި ހުންނަވައި، މި އޮޕަރޭޝަންގެ މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ މި އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކާލައިފައެވެ. އެގޮތުން އެ ގޭގެ ފުރަތަމަ ފްލޯގައި ގިނަ އަދަދެއްގެ ބަނގުރާ ހުރި އިރު ބަނގުރާ ކޭސްތައް ވެސް ހުއްޓެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެތެރޭގައާއި އަދި ރަށްރަށުގައި ބަނގުރާ ގެންގުޅެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

