logo

ހިމަބިހީގެ އިތުރު 17 ކޭސް ފެނިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ގަޑިއިރު ކުރިން

ހިމަބިހީގެ އިތުރު 17 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ހިމަބިހީގެ އިތުރު 17 ކޭސް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. މިއާ އެކު މި މިހާތަނަށް މި އަހަރު ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 242 އަށް އަރައިފަ އެވެ.

ހިމަބިހީގެ ކޭސްތަކުގަ ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި މިހާތަނަށް 16،045 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމަތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްގަ އެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ އާންމު އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށް އިންވެސްޓިގޭޝަންތައް ކުރިއަށް ގެންދަމުންނެވެ. މީގެއިތުރުން، ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި ފަރާތްތައް ދެނެގަނެ، އެމީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އިރުޝާދު ދެމުން އެޗްޕީއޭ އިން ބުނީ، ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. މި ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގަނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށައެވެ.

ހިމަބިހީގެ ދެ ޑޯޒް ފުރިހަމަނުވާ މީހުންނާއި ބަލިޖެހިފައިވާ މީހަކާ ދިމާވި ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގެ ދަމަނަވެށި، ހުޅުމާލޭ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެއެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޤައުމެކެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ރާއްޖެއިން މި ބަލީގެ ކޭސްތަކެއް ފެނިފައިވެއެވެ.

ad