logo

ފޯނު ކޯލްތަކާއި އިންޓަވިއުތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރާނަމަ އެކަން އަންގަންޖެހޭ: އެމްއެމްބީސީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ބްރޯޑްކާސްޓަރުން ލައިވް ޕްރޮގްރާމެއްގައި ފޯނު ކޯލެއް ލައިވްކުރާ ނަމަ އެކަން ގުޅާ ފަރާތަކަށް ސާފުކޮށް އަންގަން ޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން (އެމްއެމްބީސީ) އިން ބުނެފި އެވެ

ފޯނު ކޯލްތަކާއި އިންޓަވިއުތައް ލައިވްކޮށް ބްރޯޑްކާސްޓް ކުރާނަމަ އެކަން އަންގަންޖެހޭނެ ކަމަށް އެމްއެމްބީސީން ގޮވާލާފައިވަނީ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ. އެމްއެމްބީސީން މިފަދަ ބަޔާނެއް ނެރެފައިވަނީ ރާއްޖެޓީވީން ސްޓެލްކޯގެ އެޗްއާރަށް ގުޅައި ސާފުކުރި މައުލޫމާތުތަކެއް ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައިވާ ދަޑިވަޅެއްގައެވެ. ދާދި ފަހުން ރާއްޖޭގެ ޓީވީގެ ފަށާ އިރު ޕްރޮގްރާމްގެ ތެރޭގައި ސްޓެލްކޯގެ އެޗްއާރަށް ގުޅައި ސާފުކުރި މައުލޫމާތުތަކެއްގެ ކޯލް ވަނީ ވައިރަލްވެފައެވެ.

އެގޮތުން އެ ބަޔާނުގައި ފާހަގަ ކޮށްފައިވަނީ މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް (ލައިވް ޕްރޮގްރާމްތައް ހިމެނޭހެން) ބްރޯޑްކާސްޓްކުރުމުގައި، ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ސުލޫކީ މިންގަނޑުތަކާއި އަދި ފަންނީ ހަމަތަކަށް ރިޢާޔަތްކުރުމަށް ދަންނަވާ ކަމަށެވެ.

މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަމަހައްޓަން ޖެހޭ ސުލޫކީ މިންގަނޑު ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައިވެއެވެ. ވަކިން ޚާއްސަކޮށް އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

އަދި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން މީޑިއާގެ ސުލޫކީ މިންގަނޑުތަކާއި ބްރޮޑްކާސްޓަރުން ޢަމަލުކުރަން ޖެހޭ މިންގަނޑުތަކުގައި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި، ރެކޯޑިންތައް އަދި މައުލޫމާތު އެއްކުރުމާއި ގުޅޭ ގޮތުން ފަންނީ ޒިންމާތައް ކަނޑައަޅާފައިވާކަން ވެސް ވަނީ ހަނދާންކޮށް ދީފަ އެވެ.

ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 38، 39، 40 އަދި 41 ވަނަ މާއްދާގައި، ބްރޯޑްކާސްޓަރުންނާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ދަމަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތަކުގެ ޤާނޫނީ އޮނިގަނޑު ވަރަށް ތަފްޞީލުކޮށް ކަނޑައަޅާފައިވާ ކަމަށާއި ޚާއްސަ ގޮތެއްގައި، އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ރ) ގައި ވަކިވަކި ފަރުދުންގެ ކަރާމާތާއި އަބުރު އަދި ނަފްސުގެ ޙުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު، އެ މާއްދާގެ (ބ) ގައި އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމުކުރުމަށް ބާރު އަޅާފައިވާކަން އެމްއެމްބީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، އާންމު މަޞްލަޙަތުގައި މަޢުލޫމާތު ހޯދުމާއި، ހޯދި މަޤްޞަދަށް އެކަނި ބޭނުންކުރުމާއި، މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމާއި، ޒާތީ މަޢުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުން މި އޮނިގަނޑުގެ ތެރެއިން ބަޔާންކުރާ ކަމަށާއި ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާއި، ޢަމަލުކުރަންޖެހޭ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތަކުގައި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، އިންޓަވިއުތަކާއި، ރެކޯޑިންގތައް އަދި މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރުމާ ގުޅޭގޮތުން ފަންނީ ޒިންމާތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ވަނީބުނެފައެއެ..

އެހެންކަމުން، ފޯނު ކޯލަކަށް ޖަވާބުދޭ ނުވަތަ މުޢާމަލާތެއްގައި ބައިވެރިވާ ކޮންމެ މީހަކީ، އެ މުޢާމަލާތެއް އާންމުންނަށް ބްރޯޑްކާސްޓްކުރުމަށް އިއުތިރާޒެއް ނެތް ފަރާތެއްކަން ކަށަވަރުކުރުމަށާއި، ފޯނު މުޢާމަލާތެއް ވަގުތުން ބްރޯޑްކާސްޓްކުރަން (ލައިވްކުރަން) ގަސްދުކުރާނަމަ، އެ ފޯނު ކޯލަކީ ވަގުތުން ބްރޯޑްކާސްޓްކުރެވެމުންދާ ކޯލެއްކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށެވެ..

އަދި ރުހުން ހޯދުމާއި، އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި، ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުޢާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްއެމްބީސީން ވަނީ އެ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މަޢުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ބުނެފައެވެ.

ޤާނޫނުއަސާސީގައި ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޯތި ގެދޮރާއި، އަނެކުންނާއި ކުރަން ޖެހޭ ޒާތީ މުޢާމަލާތްތަކަކީ ޚުރުމަތްތެރިވާ ތަންތަނާއި ކަންކަންކަމަށް ބަޔާންކޮށްފައިވާ އިރު، އެ ހައްޤުތަކަށް ހުރިހާ ފަރާތަކުން ވެސް އިޚްތިރާމް ކުރަންވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެމްއެމްބީސީން ވަނީ ޒިންމާދާރު އަދި ފަންނީ ބްރޯޑްކާސްޓްކުރުމުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި، ވަކިވަކި ފަރުދުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތަކާއި، ކަރާމާތާއި އަދި ޙައްޤުތައް ރައްކާތެރިކުރުމުގައި ހުރިހާ މީޑިއާ އިދާރާތަކުން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ.

ad