ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓު ލިބޭނެ ކަމަށް އުންމީދުކުރުމަކީ ކުށްހީއެއް ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވަޒީފާ ބަހައިގެން އަދި ޕީއެންސީގެ ސަރުކާރުން ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ވަޒީފާ ބަހައިގެންވެސް ވޯޓެއް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓު ހަރަދު 70 ޕަސަންޓުގައި ހުރިކަމަށެވެ. އަދި ރަށްރަށުގެ އިންޖީނުގެތަކުގައި މުވައްޒަފުން ތިބީ ތިބެންޖޭ މިންވަރަށްވުރެ އިތުރަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިކަރަންޓް ހަރަދު ގޮތުގައި ފާހަގަކުރަނީ މުސާރައަށް ހަރަދު ކުރާ މިންވަރު ކަމަށެވެ. އެގޮތުން ރަށްރަށުގެ އިންޖީނުގެތަކުގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައިހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ އަދަދަށް 6،530 މީހުން އިތުރުވެފައިވާ ކަމަށާއި، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުން ދައްކާ ކަމަށްވެސް ވިދާލުވިއެވެ.
އަންނަ އަހަރު މުސާރައިގެ ހަރަދަށް ބަޖެޓުކޮށްފައި ވަނީ 14.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރެއިން މުސާރައަށް 7.9 ބިލިއަން ރުފިޔާ ހޭދަވާއިރު، އިނާޔަތްތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.


