ސަރުކާރު ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ "އެމްސީޖީއެޗް އޮޕްޓިކަލްސް" ފިހާރަތަކުން މިހާތަނަށް 23,000 އަށްވުރެ ގިނަ މީހުންނަށް އައިނު ދޫކޮށްފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.
މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އައިނު ހަދައިދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހުންނަ އޮޕްޓިކަލް ފިހާރައިންނެވެ.
އެމްސީޖީއެޗުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުގެ ހަތަރު ހޮސްޕިޓަލެއްގައި ގާއިމުކޮށްފައިވާ އައިނު ފިހާރަތަކުން މިހާތަނަށް ޖުމްލަ 23,847 އައިނު ހެއްދުމަށް އޯޑަރު ލިބިފައިވެއެވެ.
ސަރުކާރު ހޮސްޕިޓަލުތަކުގެ ތެރެއިން މިހާތަނަށް އެމްސީޖީއެޗް އޮޕްޓިކަލްސްގެ އައިނު ފިހާރަ ވަނީ 4 ހޮސްޕިޓަލެއްގައި ގާއިމުކޮށްފައެވެ. އެއީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.
އައިޖީއެމްއެޗު އައިނު ފިހާރައަށް އައިނު ހައްދަން ޖުމްލަ 13,595 އޯޑަރު ލިބިފައިވާއިރު، 12,507 އައިނު ވަނީ ހައްދައި ހަވާލުކޮށްފައެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލުގެ އައިނު ފިހާރައަށް ޖުމްލަ 8,934 އޯޑަރު ލިބިފައިވާއިރު، އޭގެތެރެއިން 8,247 އައިނު ހައްދައި ހަވާލުކޮށްފައިވާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު 2,096 އޯޑަރުގެ ތެރެއިން 1,746 އައިނު ވަނީ ހައްދައި ހަވާލުކޮށްފައެވެ.
މީގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އައިނު ފިހާރައަށް ލިބުނު ޖުމްލަ 1,650 އޯޑަރުގެ ތެރެއިން 1,347 އައިނު ވަނީ ހައްދާނިމި ހަވާލުކޮށްފައެވެ.
އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތަކީ، އާސަންދައިގެ ދަށުން އަގު ހެޔޮކޮށް އައިނު ހެއްދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންވާ ވަޢުދުގެ ދަށުން ފެށި ޚިދުމަތެކެވެ.
މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، 15 ޖެނުއަރީ 2026 އިން ފެށިގެން އަމިއްލަ 18 ތަނަކުން ވެސް ސަރުކާރުން ކަނޑައަޅާ އުސޫލުގެ ދަށުން އާސަންދައިން އައިނު ހެއްދޭނެ ކަމަށް އާސަންދަ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ. މީގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި، އައިކެއާ، އެޑްވާންސް އައި ކްލިނިކް، ސިޓީ އޮޕްޓިކަލް އަދި ވިޜަން ކްލިނިކް ފަދަ ތަންތަން ހިމެނެއެވެ.
ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީ ވަނީ 1,000 ރުފިޔާއިން 2,000 ރުފިޔާއަށް ބޮޑުކޮށްފައެވެ.

