އަހަރުގެ ފުރަތަމަ 5 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ)އިން އާންމުކޮށްފައިވާ މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ފާއިތުވީ ފަސް މަސް ދުވަހު ދައުލަތަށް ވަނީ 1.8 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 21 އިންސައްތަ އިތުރުވުމެކެވެ.
ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން 2 ބާވަތެއްގެ ޓެކްސް ނުވަތަ ފީއެއް ނަގައެވެ. އެއީ ޑިޕާޗަރ ޓެކްސްއާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއެވެ.
މީރާގެ ރިޕޯޓުން ދައްކާގޮތުން އަހަރުގެ ފުރަތަމަ 5 މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާރ ޓެކްސްގެ ގޮތުގައި 1.8 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 21.1 އިންސައްތަ އިތުރު އަދަދެކެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ފުރަތަމަ 5 މަސްދުވަހު ލިބިފައިވަނީ 928 މިލިޔަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 769 މިލިޔަން ރުފިޔާއެވެ. މިއީ 20.6 އިންސައްތަ އިތުރުވުމެކެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ 5 މަސްދުވަހު ލިބިފައިވަނީ 942 މިލިޔަން ރުފިޔާއެވެ. 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 774 މިލިޔަން ރުފިޔާއެވެ. މިއީ 21.6 އިންސައްތަ އިތުރުއަދަދެކެވެ.
މިއީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. މި ޓެކުސް ނަގަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މި ފީ ނަގަން ފަށާފައިވަނީ 1 މޭ 2017 އިން ފެށިގެންނެވެ.
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެއެވެ.
އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެއެވެ.

