މޯލްޑިވްސް ޒަކާތް ހައުސްގެ ފަރާތުން ބާއްވަން ރާވަމުންދާ އިންޓަނޭޝަނަލް ޒަކާތް ކޮންފަރެންސްގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާކަމަށް މޯލްޑިވްސް ޒަކާތް ހައުސް ގެ ޑިރެކްޓަރ ޖެނެރަލް އިމްތިތާއު އައްބާސް ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ދެއްވި ބަސްދީ ގަތުމެއްގައި އިމްތިތާއު ވިދާޅުވީ މި ކޮންފަރެންސް އަކީ ޒަކާތް ހައުސްއިން އިންތިޒާމް ކޮށްގެން ބާއްވާ މިފަދަ 3 ވަނަ ކޮންފަރެންސް އެވެ.
" ﷲގެ އިރާދަ ފުޅާއި އެކު ކުރީ ދެފަހަރުތަކެކެވެސް އެއްފަދައިން ވަރަށް މުހިއްމު މައުލޫމާތު ތަކެއް ލިބިގެންދާނެ ކޮންފަރެންސެއް. މިކޮންފަރެންސްގައި ވަރަށް ގިނަ މައުލޫމާތު ބަދަލު ކުރެވިގެން ދާނެ. މިފަހަރުގެ އިންޒެކް ކޮންފަރެންސްގެ މައުޟޫއަކީ ވަރަށް މުހިންމު މައުޟޫއެއް. މިހާރު އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ ވަރަށް ޒަމާނީ މުޖްތަމަޢުއެއްގަ ޓެކްނޮލޮޖި އާއި އެނޫންވެސް ގޮތްގޮތުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި މިވަނީ ބަދަލުވެފަ.އެހެންވީމަ ފަޤީރު ކަމުގެ މާނަޔާއި ، އެކި ޢާއިލާތައް ފަޤީރުކަމަށް ވެއްޓޭގޮތާއި މިކަންކަން މިވަނީ ވަރަށް ތަފާތު ވެފަ. އޅުގަނޑުމެން މިހާރު މި އުޅެމުން ދަނީ އިނގިރޭސި ބަހުން ބުނާ ނަމަ ވަރަށް ބޮޑަށް "މަނިޓަރައިޒް" މުޖްތަމައުއެއްގަ. އެހެން ކަމުންއެކިގޮތްގޮތުން މި އަންނަ ފައިނޭންޝަލް ޝޮކް ތަކުގެ ސަބަބުން މެދުފަންތީގެ ޢާއިލާތައް ވަރަށް ބޮޑު ސްޓްރެސް އެއްގަ އުޅެންޖެހެނީ.އަދި އެކަހަލަ ޝޮކް ތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ނެނގި ފެންނަ ފެނުމަށް އެމީހުން އުޅެމުންދާ ދަތި ހާލެއް ނޭނގޭ" ޑިރެކްޓަރ ޖެނެރަލް އިމްތިތާއު އައްބާސް
މީގެ އިތުރުން ޒަމާނީ މުޖްތަމަޢުއެއްގަ ފަޤީރުކަން ދިމާވާ ސަބަބު ތަކާއި ފަޤިރުކަމުގެ ސިފަތައް ދެނެގަނެވިގެން ދާނެކަމަށާއި އެއަށް ފަހު ސަރުކާރުގެ މުއައްސަސާތަކާއި ޒަކާތް ހައުސް އާއި ގުޅިގެން މިކަމަށް ހައްލުތަކެއް ގެެނެވިދާނެ ކަމށް ވެސް ޑިރެކްޓަރގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
ހަމަމިއާއި އެކު ބައިނަލް އަޤްވާމީ އެކި ތަޖުރިބާތަކުގެ އަލީގަ ފަޤީރުކަން ނައްތާލުމަށް އެކި ޕްރޮގްރާމްތައް ރާއްޖޭގެ ކޮންޓެސްޓް އަށް ފެތޭގޮތައް ހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑިރެކްޓަރގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ މިފަހަރުގެ ކޮންފަރެންސްގައި އެކި ގައުމުތަކުގެ ޒަކާތާއި ބެހޭ ޔުނިވާސިޓީތަކުގެ ތަޖުރިބާ ކާރު ބޭފުޅުންގެ މަޝްވަރާ އާއި ޚިޔާލު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

