logo

ލޯނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ބޭންކިން ޚިދުމަތްތައް އެސްއެމްއީ ޑިޖިޓަލްއިން މެދުކަޑާލަން ނިންމައިފި

މަޒީ
9 ގަޑިއިރު ކުރިން

އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތްކުގެ ބޭންކިން ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ.

މި ފިޔަވަޅު އަޅަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ކުން ފެށިގެންނެވެ.

އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމަށާއި، ކަސްޓަމަރުންގެ އެކައުންޓުތައް ހަރުދަނާ އުސޫލަކުން ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އަޅަން ނިންމި ފިޔަވަޅެކެވެ. އެހެންކަމުން، އެއްވެސް ދަތިކަމެއް ނެތި ބޭންކިންގ ޚިދުމަތްތައް މެދުނުކެނޑި ލިބިގަތުމަށްޓަކައި، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފައިސާ ދައްކައި ނިންމުމަށް އެ ބޭންކުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ފައިސާ ނުދެއްކުމުގެ ސަބަބުން ޚިދުމަތް މެދުކެނޑޭ ފަރާތްތަކުން، އެ މަހަކަށް ދައްކަންޖެހޭ އަދަދު ދައްކައި ޚަލާސްކުރާތާ 24 ގަޑިއިރުގެ ތެރޭގައި އަލުން ޚިދުމަތް އިއާދަކޮށްދެވޭނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ. އަދި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވެފައިވާ (އޯވާޑިއު) ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށާއި، ޚިދުމަތް މެދުކެނޑިދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މެސެޖު މެދުވެރިކޮށް ހަނދާންކޮށްދެމުން ގެންދާނެ ކަމަށްވެސް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ތަފާތު އެކި ދާއިރާތަކުން ލޯނުތައް ދޫކުރަމުންނެވެ. އަދި މި ބޭންކުން ލޯނު ދޫކުރުމުގައި ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް ޚާއްސަ އިސްކަމެއްދެއެވެ.

އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯއްދެވުމަށް، އެސްއެމްއީ ޑިޖިޓަލްގެ 1613 އަށް ގުޅުއްވައިގެން ލިބޭނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ad