logo

އަތޮޅުތެރޭގެ ތަކެތީގެ އަގުތައް ފެންނާނެގޮތަށް އަގުމަގު އެޕް ތައާރަފުކޮށްފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ބާޒާރުގައި ތަކެތީގެ އަގުތައް ފަސޭހައިން އާންމުންނަށް ފެންނާނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީން "އަގުމަގު" އެޕްލިކޭޝަން މިއަދު ތައާރަފްކޮށްފިއެވެ.

މިއީ މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި ތަކެތި ވިއްކަން ހުންނަ އަގުތައް ވަގުތުން ބަލާލެވޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފްކުރި އެޕެކެވެ. މީގެ ކުރިން، 28 ފެބްރުއަރީ 2025 ގައި މި ޚިދުމަތް ޕޯޓަލްއެއްގެ ގޮތުގައި ލޯންޗްކުރި ނަމަވެސް، އެ ޕޯޓަލް މެދުވެރިކޮށް ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ.

ނަމަވެސް އަލަށް ތައާރަފްކުރި އެޕްލިކޭޝަނާއެކު، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުންނަ އަގުތައް ފެންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތައް އެއް ތަނަކުން ބަލާލެވޭނެއެވެ. އެގޮތުން އެކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް ފެންނަން ހުންނާނެއެވެ.

މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައިސްފައިވާ ބަދަލުތައްވެސް މި އެޕް މެދުވެރިކޮށް ދެނެގަނެވޭނެއެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި އެޕްލިކޭޝަންގެ ސަބަބުން ދަތުރުކުރުމުގެ ކުރިން ނުވަތަ ތަނަކަށް ދިއުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ފަސޭހައިން ބަލާލެވޭނެއެވެ. އަދި އަގުތަކަށް އަންނަ ބަދަލުތަކާ ގުޅޭ ނޮޓިފިކޭޝަންތައް ވަގުތުން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓުތައް ސޭވްކޮށްގެން ގެންގުޅުމުގެ ފުރުސަތުވެސް މި އެޕުން ލިބިގެންދާނެއެވެ. މިގޮތަށް ސޭވްކުރާ ލިސްޓުތަކަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި، ވަކިވަކި ތަކެތި އެންމެ ހެޔޮ އަގުގައި ލިބޭނެ ތަންތަން ފަސޭހަކަމާއެކު ހޯދާލެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ad