ވައްކަމުގެ މައްސަލައެއްގައި މޫނު ބުރުގާ އަޅައިގެން އުޅުނު އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ޝާހުލް ޔެހަޔާ އަބްދުލްރަޖާކެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވުމުންނެވެ.
ސަރަހައްދަށް ދިޔަ ފުލުހުންގެ ބަޔާނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ މޫނު ބުރުގާ އަޅައި، ދަބަހެއް ހިފައިގެން ހުއްޓާ ފެނިގެން ސުވާލުކުރަން ފުލުހުން މަސައްކަތްކުރުމުން އޭނާ ވަނީ އެ ސަރަހައްދުން ފިލަން ދުވެފައިކަމަށެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ކޯޓުން ފާހަގަކޮށްފައި ވަނީ، އޭނާއަކީ އިންޑިއާގެ ރައްޔިތަކަށް ވުމުން ތުހުމަތަށް ފިލުމުގެ ގޮތުން އިންޑިއާއަށް ދިއުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީއެވެ.އޭނާއަށް ޖަހާފައިވާ މުއްދަތު ހަމަވާނީ މި މަހުގެ ނުވައެއްވާ ހޯމަ ދުވަހަށެވެ.
ވައްކަމުގެ މިފަދަ މައްސަލަތަކަކީ ވެސް މިހާރު ރާއްޖޭގައި ވަރަށް އާންމުވެފައިވާ މައްސަލައެކެވެ. ދާދި ފަހުން ނިމުނު އޮކްޓޯބަރު މަހު ވަނީ، އަންހެނުންގެ ބޭންކު އެކައުންޓުން ވަގަށް ފައިސާނެގި މައްސަލައެއްގައި ހަތް މަސް ދުވަހަށް މީހަކު ޖަލަށް ލާފައެވެ.

