ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށްފެށުމުގެ ގޮތުން މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑރ. އަޒްވަރު ވަނީ، ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.
ޑރ. އަޒްވަރު ވަނީ، މިފަދަ ހަރުދަނާ އަދި ވިސްނުންތެރި ނިންމެވުމެއް ނިންމެވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ޚިދުމަތާ ރަސްމީކޮށް ޙަވާލުވުމަށްފަހު، އެމްޑީ ޑރ. އަޒުވަރާއި ސްޓެލްކޯގެ އިސްވެރިންގެ ޓީމުން ވަނީ އެ ސިޓީގެ ބްރާންޗް އޮފީހަށާއި އިންޖީނުގެއަށް ޒިޔާރަތް ކުރަށްވާފައެވެ. މި ޒިޔާރަތުގައި، އިންޖީނުތަކުގެ މިހާރުގެ ޙާލަތާއި، ކަރަންޓު އުފެއްދުމުގެ ނިޒާމު ހުރިގޮތް ވަރަށް ގާތުން ބައްލަވާލައްވައި، ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ

