logo

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިން ތަމްރީނުކުރަނީ

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޤާއިމުކުރަމުންދާ ނިޒާމުތައް ހިންގުމާއި ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ރ. އަތޮޅާއި ބ. އަތޮޅުގެ އިންޖީނުގެތަކުގެ މުވައްޒަފުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ރަށްރަށުގައި އަލަށް ޤާއިމުކޮށްފައިވާ ޑީސަލް، ސޯލާ ޕީވީ އަދި ބެޓެރީ ހައިބްރިޑް ސިސްޓަމްތައް ޢަމަލީ ގޮތުން ހިންގާނެ ގޮތުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ރ. އަތޮޅާއި ބ. އަތޮޅުގެ ބްރާންޗްތަކުގެ މުވައްޒަފުންގެ އިތުރުން، ސްޓެލްކޯ އަދި ފެނަކަގެ ހެޑް އޮފީހުގެ ޓީމުތަކުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަލަށް ތަޢާރަފުކުރެވުނު ހައިބްރިޑް އެނާޖީ ސިސްޓަމްތައް އެންމެ ފުރިހަމަ ގޮތުގައި އޮޕަރޭޓްކޮށް، ދިމާވެދާނެ މައްސަލަތައް ހައްލުކުރުމުގެ ޢަމަލީ ތަޖުރިބާއާއި ފަންނީ ޤާބިލުކަން ދިވެހި މުވައްޒަފުންނަށް ހޯދައިދިނުމެވެ.

މިފަދަ ތަމްރީނުތަކުގެ ސަބަބުން ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ރައްޔިތުންނަށް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ޔަޤީންކަން ބޮޑު ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމަކާއި ކުރިއެރުމެއް ލިބިގެންދާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ad