logo

މަޖިލީހުގެ ދައުރު މިމަހުގެ 20 އާއި ހަމަޔަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މި ދައުރު އިތުރުކުރަން ހުށަހެޅުއްވީ ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ކަމަށެވެ. އަދި އެ މަސައްކަތްތައް ނިންމެވުމުގެ ބޭނުމުގައި ކަމަށެވެ.

މަޖުލިހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އަހަރަކުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނީ 3 ދައުރަކަށް ބަހާލައިގެން ނެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަސް ނިމެންދެނެވެ.

ގަވާއިދުގައިވާ އާންމު އުސޫލުގަވާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު އަންނަ ހޮނިހިރު ދުވަހަށް ނިމޭނެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެވެނެވެސް އުސޫލުގައި އޮވެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.

ad