logo

ގައުމުގައި މިނިވަންކަން ދެމެހެއްޓުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: ވަޒީރު ހީނާ

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

ގައުމުގައި މިނިވަންކަން ދެމެހެއްޓުމަށް އެނެމްންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީޚެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށެވެ.

ހީނާ ވަލީދު ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން ކަމަށެވެ. އަދި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށެވެ.

ވަޒީރު ހީނާ ވަނީ، ދިވެހި މިނިވަންކަމަށް ބުރުއެރި ކޮންމެ ފަހަރަކު އޭގެ ކޮންމެވެސް ހިސާބެއްގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީހުން ކަށަވަރު ވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ގައުމުގައި މިނިވަން ފިކުރު އުފައްދާ ދެމެހެއްޓުމާ، ގައުމީ މިނިވަން ކަން ނެގެހެއްޓުމުގައި އެނެމްންގެ އެއްބާރުލުމާއި، އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ވަޒީރު ހީނާ ވިދާޅުވި އެވެ.

މަރްޙޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި، ވަޒީރު ވިދާޅުވީ މިނިވަންކަން ދެމިއޮންނާނީ އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައިގެން ކަމަށެވެ. އަދި ގައުމުގެ ނަމުގައި ގޮވައިލެވޭ ހިނދު ލޯތްބާއެކު ސާފު ހިތަކުން އިޖާބަދިނުމަށާއި، ދެބަސްވާ ފިކުރުގެ ތެރެއިން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. ދިވެހިވަންތަކަމަކީ އެންމެން ގުޅުވައިދޭ ވާފަށް ކަމަށާއި އެއީ އެންމެ ބޮޑު ގައުމީ އިއުތިރާފު ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ، މިއަދަކީ ހަމައެކަނި ކަލަންޑަރުގެ ތާރީހެއް ނޫން ކަމަށާއި، އެއީ ގުރުބާނީގެ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލްކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާވެސް ވަޒީރު ހީނާ ވަނީ އަރިސްކުރައްވާފަ އެވެ.

ޖުލައި ސައްބީހުގެ މުނާސަބަތަށް 60 އަހަރު ފުރުނު ނަމަވެސް، ދިވެހި މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީޚެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ހީނާ ވަނީ، މިނިވަން ކަމުގެ ބަތަލުންނާއި، ޝަހީދުންނަށް މާތް ﷲ ގެ މަތިވެރި ނިއުމަތް ތަނަވަސް ކުރައްވާ އެ ހަނދާންތައް މި ފަސްމަތީ އާވެ، އާލާވުމަށް އެދި ދުއާ ދަންނަވާފައެވެ. އަދި މިނިވަން ކަމުގެ ހުރިހާ ހިދުމަތްތެރީންނާއި، އެހީތެރީންނަށް ހައްގު ތައުރީފާ ޝުކުރުވެސް ވަޒީރު ހީނާ ވަނީ ދަންނަވާފަ އެވެ.

ad