logo

"ދާރުލްއަރްޤަމް" ވަޤްފު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު އިމާރާތް ކަމަށްވާ "ދާރުލްއަރްޤަމް" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބިންގާ އެޅި މި އިމާރާތުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

"ދާރުލްއަރްޤަމް"ގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ. މި އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. މިއީ 12 ފަންގިފިލާއަށް އިމާރާތް ކުރާ ވަޤުފު އިމާރަތެކެވެ.

މި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. އިމާރާތުގެ ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މިއިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.

މި އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިވަޤުފު އިމާރާތް ތަރައްޤީކުރުމަށް އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭސިންގެ ދަށުންކަމަށެވެ.

ދާރުލްއަރްޤަމް ފަރުމާކޮށްފައިވަނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެގޮތުން އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑް ފްލޯ ޕާކިންގްއަށް ޚާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް އަދި ދެވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ހުންނާނެއެވެ. ބާކީ ހުރި ފަންގިފިލާތަކުގައި އޮފީސް ބައިތަކާއި، މީޓިންގް ރޫމުތަކުގެ އިތުރުން ނަމާދު ކުރާނެ ކޮޓަރިތައް ހިމެނެއެވެ. މީގެ އިތުރުން ރޫފްޓޮޕްގައި އޯޕަން ޓެރަސްއެއް ހުންނައިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެ ހެދޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި މި އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެއެވެ. މި އާމްދަނީގެ 80 އިންސައްތަ އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާއިރު، ބާކީ 20 އިންސައްތަ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ވަޤުފް ފަންޑު ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ހޯދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ދާރުލްއަރްޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤުފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އަތޮޅުތެރޭގެ ސިޓީތައް ކަމަށްވާ އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ރައީސް ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ad