ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން މަގާމުތައް ކަނޑައަޅައި، އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ގޮތަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އަށް މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން ގެޒެޓުކުރި މި އިސްލާހަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހަމަހަމަ އުސޫލުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމުގެ ގޮތުން ހާއްސަ އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ހާއްސަ ގަވާއިދެއް ކަމަށާއި އެ ގަވާއިދަށް ރާއްޖޭގައި ވަޒީފާދޭ ހުރިހާ އިދާރާތަކުން ވެސް އަމަލުކުރަންވާނެ ކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖެއްސުމުގެ އާންމު މިންގަނޑަށް ގެނެވުނު ފުރަތަމަ އިސްލާހުގައި ވަނީ، ދައުލަތުގެ އިދާރާތަކާއި، ވަޒީފާދޭ އަމިއްލަ ފަރާތްތަކަށްވެސް ހިނގާ މި މިންގަނޑާއި އެއްގޮތަށް، އެފަދަ ފަރާތްތަކަށް ސިވިލް ސާވިސްގެ އިދާރާތަކުގައި ހާއްސަ ކުރެވޭ މަގާމުތައް ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
އަދި އެފަދަ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކުން ހާއްސަ ކުރެވޭ މަގާމުތައް ކަނޑަޅާނީ، އެ ކުންފުންޏެއްގެ ބޯޑުން ނުވަތަ އެ ކުންފުންޏަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށްވެސް އެ މިންގަނޑުގައި ވެއެވެ.
އޭގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާތަކައި ޖަމާއަތްތަކާ އިއުލާން ހިއްސާކޮށް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި އިއުލާން އާއްމުކުރުމަށް، ވަޒީފާ ދޭ ފަރާތްތަކާއި އެ ވުޒާރާއިން ކުރަން ވާނެ ކަމަށްވެސް މިންގަނޑުގައި ވެއެވެ.
މި އިސްލާހާއެކު، ފަންނީ ލަފާދޭ ކޮމިޓީގެ މެންބަރުން ވަކިކުރުމުގެ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މަގުބޫލު އުޒުރެއް ނެތި ވިދިވިދިގެން ތިން ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، އެ މެންބަރަކު ވަކިކުރުމުގެ ބާރު މިހާރު މިނިސްޓަރަށް ލިބިގެންވެއެވެ.

