ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ ކަނޑުކަމުގައި ވާއިރު، ޢިޤްތިޞާދީ ނާރެސް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިއްމު ވަސީލަތަކީ ކަނޑުކަމަށެވެ. އެހެންކަމުން، ކަނޑުގެ މާހައުލާއި ވަށައިގެންވާ ވެށި، އަދި އެވެށީގެ ދިރުންތައް ރައްކާތެރިކޮށް ބަލަހައްޓައި، އަންނަން އޮތް ޖީލުތަކަށްފޯރުކޮށްދިނުމަކީ ޒިންމާއެކެވެ.
އެގޮތުން، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ބާނާ މަހަށް އަގުއެއްކުރުމުގެ އިތުރުން އެކުއަކަލްޗާގެ ދާއިރާއިން އައު ދޮރުތަކެއް ހުޅުވާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ފާއިތުވި އަހަރު ރާއްޖެއަށް ތައާރުފްކުރި ސީވީޑް އެކުއަކަލްޗާގެ ފުރަތަމަ ޝިޕްމަންޓް މިއަހަރު އެކްސްޕޯޓްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސިނާއަތަށް އޮތް ޝައުގުވެރިކަން ބޮޑުވެ، އިތުރު ދެ ކުންފުންޏަކުން މިހާރުވެސް އިންވެސްޓްކޮށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުމަހުގެމަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުންދާ ކަން ވަޒީރު ފާހަގަކުރައްވާ ވިދާޅުވީ، 2024 ވަނަ އަހަރުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް މުޅި އިންޑިއާ ކަނޑުގެޕްރޮޑަކްޓިވިޓީ ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވިކަމަށެވެ.
މޫސުމަށް އަންނަ ބަދަލު، ތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަތީޖާއަކަށްވީ ރާއްޖޭގެ ދޮށްޓާއި އަތުނަނުބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން ކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ މުމޫސުން ދިގުވެ، އޭގެ ނޭދެވޭ އަސަރުސިނާޢަތަށް ކުރަމުންދިއުން ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ވަޒީރު ވިދާޅުވީ، މިއަދު އަމާޒަކަށްވާންވީ ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދުއްވުން ކަމަށެވެ.
މީގެ އިތުރުން، ޔޫއެން ޑެކޭޑް އޮފް އޯޝަން ސައިންސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ނުވަތަ އޯޝަން ޑެކޭޑް ގެ ގޮތުގައި ގުނޭ އަހަރުތައް މި ފާހަގަކުރެވެނީ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ފުރިހަމަ ސައިންޓިފިކް މަޢުލޫމާތު ހޯދުމަށް މުޅި ދުނިޔެއިން މަސައްކަތްކުރަމުން އަންނަ ދުވަސްވަރެއްގެ ގޮތުގައެވެ.
މީގެ ތެރޭގައި ކަނޑު ފަޅާއި ފަރު އަދި މި މާހައުލުތަކުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރުމާއި، އެކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، އައު ޓެކްނޮލޮޖީ އީޖާދުކޮށް ތަޢާރުފުކުރުމާއި އަދި ކަނޑުގެ ވެށި ބޭނުންކުރާ ފަރާތްތަކުގެ ކިބައިން މައުލޫމާތު ހޯދުން ހިމެނެއެވެ.

