ކޮންމެ ކުއްޖަކަށްވެސް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނީ އެކުދިންގެ މައިން ބަފައިންނެވެ. ކުއްޖާގެ މުސްތަގްބަލާ ދޭތެރޭ ވިސްނާ މުޅި އުމުރުގައި އެކުދިންގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެނީވެސް އެކުދިންގެ މައިންބަފައިންވެ. މަންމައާއި ބައްޕަގެ ރޯލު ދަރިންގެ ހަޔާތުގައި ބޮޑުއިރު، ޙާއްސަކޮށް ބައްޕަގެ ރޯލަކީވެސް ވަރަށް ހާއްސަ އަދި އެހާމެ ބޮޑު ރޯލެކެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ ތިންވަނަ އާދީއްތަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ބައްޕައިންގެ ދުވަސް ކަމަށްވާއިރު، މިއަހަރު މިދުވަސް މި ދިމާވީ ޖޫން މަހުގެ 15 ވަނަ ދުވަހާއެވެ.
ކުދިން ތަރުބިއްޔަތުކުރުމަކީ މިހާރު މަންމައިންނަށް އެކަނި ހާއްސަވެފައި އޮންނަ ކަމެއް ނޫނެވެ. އެކަން ކުރިން އޮންނަ ގޮތާ މިހާރު ތަފާތެވެ. ކުދިން ތަރުބިއްޔަތުކުރުމަކީ މަންމައިންނަށް ހާއްސަވެފައި އޮތް ޒިންމާއެއްގެ ގޮތުގައި އެންމެ ކުރިއްސުރެ މުޖުތަމަޢުއިން ބަލައިގެންފައި އޮތް އޮތުން މިހާރުވަނީ ބޯދާ ވިސްނުމަކަށްވެފައެވެ. މުޖުތަމައު ތެރޭ އެހެން ހުރި ކިތަންމެ ކަމަކަށް މިހާރު ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ. މިފަދަ ޒަމާނީ ބަދަލުތަކާއެކު އާއިލީ ގުޅުންތައް ބައްޓަންކުރަންޖެހޭ ގޮތްވެސް ވަނީ ތަފާތުވެފައެވެ. އެއީ ބައްޕައިންނަށް ދަރިން ކުރާ ގަދަރާއި އިހްތިރާމް އުފުލުމަށް ކޮންމެހެން ބޭނުންވާތީއެވެ. ބައްޕައިންގެ ދުވަސް ވަކި ދުވަހެއްގެ ގޮތުގައި އޮތުމުގެ ސަބަބުން ބައްޕައިންނަށް އިޙްތިރާމްކުރުމާއި، ބައްޕައާއި ދަރިންގެ ގުޅުމާއި، މައެއްގެ ލޯތްބާ އެއްވަރަށް ބަފައިންގެ ލޯބި ލިބިގެން ބޮޑެތިވާ ދަރިންގެ ސަބަބުން މުޖުތަމަޢަށް ކުރާ އެދެވޭ އަސަރުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދެއެވެ.
ބައްޕައިންނަކީ މުހިންމު ބަޔަކަށްވާއިރު، މަންމައިން އެކުދިންދެކެ ލޯބިވެ، އެކުދިން ޝައުޤުވެރިވާ ކަންކަން ފާހަގަކޮށް، އެކުދިންގެ ބޭނުންތަކަށް އެޓެންޑްވެ، އެކުދިންނަށް ތައުރީފުކޮށް އެކުދިންނާމެދު އަޅާލާ ވިސްނުމުގެ އިޙްސާސް ކޮށްދިނުމަށް އެހީތެރިވެދޭ މިންވަރަށް ދަރިންނަށް ބައްޕަމެންގެ އަޅާލުމާއި ލޯބިވެސް ބޭނުންވެއެވެ. ދަރިންގެ ކުރިއެރުމުގައި މަންމައެކޭ އެއްފަދައިން ބައްޕަގެ ދައުރުވެސް ވަރަށް ބޮޑެވެ.
ކުދިން ތަރުބިއްޔަތުކުރުމުގައި ބައްޕައިން ހަރަކާތްތެރިވާ މިންވަރު ކުރިއަށްވުރެ މިހާރު އިތުރެވެ. ދުނިޔެ ބަދަލުވަމުން ދިއުމާއި ދެމަފިރިން ވަޒީފާއަށް ދާންޖެހުން އެއީ އޭގެ އެއް ސަބަބެވެ. ވަކިން ދިރިއުޅޭ ކުދި އާއިލާތަކުން އެ މަންޒަރު ފެންނަލެއް ވަކިން ގިނަ އެވެ. ކުދިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި ބައްޕައިންގެ ދައުރު އިތުރުވުމަކީ ވަރަށް ބޮޑެތި ފައިދާތެކެއް ކުދިންނަށް ކުރާ ކަމެކެވެ. ނަފްސާނި ގޮތުންނާއި ޖިސްމާނީ ގޮތުންވެސް މެއެވެ.
ކުއްޖާގެ އެންމެ ޅަފަތުގެ ދުވަސްވަރަކީ މައިންބަފައިންގެ އަޅާލުން ހުރިހާ ވަގުތެއްގައި ކަހަލަ ގޮތަކަށް ބޭނުންވާނެ ދުވަސްތަކެކެވެ. މިދުވަސްތަކުގައި ކުއްޖާގެ މަންމައެކޭ އެއްގޮތަށް ބައްޕަވެސް ކުއްޖާއަށް އަޅާލުން ދިނުމުގައި އަމަލީގޮތުން ބައިވެރިވުމަކީ ކުއްޖާގެ ހެދިބޮޑުވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރެއް ކޮށް މުޅި މުސްތަގްބަލަށް އަލިކަންގެނެސްދޭނެ ކަމެކެވެ.
ކުދިންގެ ތަރުބިއްޔަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ ނަމޫނާ ދެއްކުން ކަމަށް ވާއިރު ބައްޕަގެ ވިސްނުން ހުންނަ ގޮތާއި، އުޅުން ބަހައްޓާ ގޮތް ގިނަފަހަރަށް ވެގެންދަނީ ކުދިންގެ ވިސްނުމާއި އުޅުން ބައްޓަންކުރުމުގައި ބޭނުންކުރާ މައި ސަމުގާއަށެވެ. ވަކިން ހާއްސަގޮތެއްގައި ފިރިހެންކުދިންނަށް އޭގެ އަސަރުކުރާލެއް ބޮޑެވެ. ކުދިން ހެދި ބޮޑުވަމުން އައިސް ފުރާވަރަށް އަރާ އުމުރަކީ ބޮޑެތި ބަދަލުތަކެއް އެ ކުދިން ތަޖުރިބާކުރަން ފަށާ ދުވަސްވަރެކެވެ. ކުށްތަކަށް އެންމެ ފަސޭހައިން ހުށަހެޅޭ އުމުރަކީ ވެސް މިއީ އެވެ. ރަށްޓެހިން ހޯދައި އެމީހުންނާއެކު އެކި ކަންކަން ތަޖުރިބާކުރަން ފަށަނީ ވެސް މި އުމުރުގަ އެވެ. ކުދިންގެ ހަޔާތުގެ މިހާ މުހިއްމު ހިސާބެއްގައި ބައްޕަ ކުދިންނާއެކު ހުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މި އުމުރުގައި ނުރަގަޅު ކަންކަމަށް ހިތްވަރުދޭ އެކުވެރިންގެ މަޅިން ކުދިން ސަލާމަތްކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ކަމަކީ ބައްޕަގެ ފަރާތުން އެކުދިންނަށް ލިބޭ އަޅާލުމާއި ނަސޭހަތެވެ.
ކުދިން ބެލުމާއި، ތަރުބިއްޔާތުކުރުމުގައި މަންމަ އާއި ބައްޕަ ހިއްސާވުމުން ދެ މީހުންނަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބި އާއިލާ ހެޔޮގޮތުގައި ބައްޓަންކުރެވޭނެކަން ޔަގީނެވެ.
ހެޔޮލަފާ ސާލިހް ބައްޕައެއް ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް ނަސީބެވެ. ބައްޕައިންގެ ދުވަހުގެ ތަހުނިޔާ ބައްޕައަށް ހިތުގެ އުމުގުން ފޮނުވަންޖެހެއެވެ. ދަރިން ކުޑައިރު ބައްޕަގެ އަޅާލުމާއި ލޯބި ބޭނުންވާގޮތަށް ބައްޕަގެ އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ބައްޕައަށް ދަރިންގެ އަޅާލުމާއި ލޯބި ބޭނުންވާނެއެވެ. އެހެންކަމުން ބައްޕަމެންނަށް އޯގާތެރިވެ ލޯބިދީ އަގުވަޒަންކުރުމަކީ ކިހާ މުހިންމު ކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދަނެ އެކަމާމެދު ރަނގަޅަށް ވިސްނަންޖެހެއެވެ. ބައްޕަ ކޮށްދީފައިވާ އަގުހުރި ބުރަ މަސައްކަތްތަކާއި އަޅުގަނޑުމެންގެ ދިރިއުޅުމުގައި ބައްޕަ އަދާކުރި އަދި އަދާކުރަމުންދާ މުހިންމު ދައުރަށް ވިސްނާލުމަށްފަހު ދުވަހުގެ ހެޔޮއެދުން ބައްޕަގެ ހިތް އުފާވާނެހެން ފޮނުވާލުން އެއީ، ދަރިންގެ ފަރާތުން ކޮންމެ ބައްޕައަކުވެސް އެދޭނެ ވަރަށް ބޮޑު އެދުމެއް ކަން ޔަގީނެވެ.