މިއީ ރަމަޟާން މަހެވެ. ރޯދައިގެ މައްސަރެވެ. ފައިދާ ހުރި އެކި ބުއިންތައް، ޙާއްސަކޮށް ތަފާތު ބުއިންތައް ތައްޔާރު ކުރާނެ މައްސަރެކެވެ. ހުސްބަނޑާ ރޯދައަށް ހުރުމަށްފަހު ފައިދާހުރި ކާއެއްޗެއް ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރަންޖެހެއެވެ. މިއަދު މި ކިޔައިދެނީ ގޭގައި ތަފާތު ރަހަތައް ތައްޔާރުކޮށްލުމަށް ބޭނުންކުރެވޭ، ސިއްހަތަށް ފައިދާހުރި މޭވާއެއްގެ މައުލޫމާތު ކޮޅެކެވެ. ރޯދަވީއްލުމަށް ބޭނުންކުރެވޭ ބުއިންތަކާއި އެކި ރެސިޕީތަކަށް އިތުރުކުރެވޭ މޭވާތަކުގެ ތެރޭގައި ހިމެނޭ އާފަލުގެ މުހިންމުކަމާއި އޭގެ ބޭނުމަށް ބަލާލަމާ ހިނގާށެވެ. އާފަލުން މީރުޖޫހާއި، މީރު އެކި ރަހަތައް ތައްޔާރުކޮށްލެވެއެވެ. އެގޮތުން ކުކީޒް، މަފިންސް، ޖޭމް، ސެލެޑް، އޯޓްމީލް ނުވަތަ ސްމޫތީ ފަދަ ރެސިޕީތަކުގަވެސް ބޭނުންކުރެވެއެވެ. މީގެ އިތުރުން އާފަލަކީ ރިސާޗް ބެކްޑް ގިނަ ފައިދާތަކެއް އެކުލެވޭ ސިއްހަތަށް ފައިދާ ހުރި މޭވާއެކެވެ.
އާފަލުގެ ފައިދައާއި އޭގެ ބޭނުން ރަނގަޅަށް އެގޭނަމަ ކެއުމުގައި އާދަކޮށް އާފަލު ނުހިމަނާ ނުދާނެއެވެ. މޭވާގެ ތެރޭގައި 7،000 އަށް ވުރެ ގިނަ ބާވަތް އެކުލެވޭއިރު އޭގެ ތެރެއިން އާފަލަކީ ހަށިގަނޑަށް ފައިދާހުރި، ސިއްޙީ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. އެގޮތުން އާފަލަކީ ކެންސަރާއި ހަކުރު ބައްޔާއި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ މައިދާގެ ދުޅަހެޔޮކަމާއި ސިކުނޑީގެ ދުޅަހެޔޮކަން ރަނގަޅުކޮށްދޭ އެއްޗެކެވެ. އަދި ހަކުރު ދަށްވުމާއި ކްލޮސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމާއި ލޭ މައްޗަށް ދިޔުން ކޮންޓްރޯލްކުރުމަށްވެސް އާފަލުގައި ހިމެނޭ މާއްދާތަކުން އެހީ ލިބޭކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. ހަމަ އެހެންމެ ބަރުދަން ލުއިކުރުމަށްވެސް އާފަލަކީ ވަރަށް މުހިންމު ބާވަތެކެވެ. އާފަލަކީ ފައިބަރ އަދި ފެން އޭގައި ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ކޮންމެދުވަހަކުވެސް އާފަލެއް ކާލުމަކީ ހަށިގަނޑަށް ވަރަށް ބޮޑަށް އޭގެ ފައިދާ އިތުރުވާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާފަލު ޖޫހުން ގޭސްޓްރިކް މައްސަލައަށްވެސް ވަރަށް ބޮޑު ހައްލެއް ހޯދެއެވެ.
އާފަލަކީ ހަށިގަނޑަށް މިހާ ފައިދާހުރި މޭވާއަކަށްވާއިރު، މި ރޯދަމަހު ތި ގޭގައިވެސް ހަމައެކަނި ކަރާ ނުވަނަ ކުރުނބާ ފަނީގެ ބަދަލުގައި ބައެއް ދުވަސްދުވަހު އާފަލުން ޖޫސް ތައްޔާރުކޮށްލާ، ތަފާތު ބާވަތްތަކުގެ ރެސިޕީތައް ތައްޔާރުކޮށްލުން ކިހިނެއްވާނެތޯއެވެ.
އާފަލުން ޖޫސް ތައްޔާރުކުރެވިދާނެ ގޮތެއް
ބޭނުންވާނެ ތަކެތި:
● 1 އާފަލު
● 1 ޖޯޑު ފެން
● 1/2 ޖޯޑު ހަކުރު
● 1/2 މޭޒުމަތީ މުގުރާފައި ހުރި ފޮނިތޮށި
● އައިސް ކިއުބްތައް
ތައްޔާރުކުރާނެ ގޮތް:
އާފަލުގެ އެއްބައި ހިމުންކޮށް ކޮށާލާފައި ވަކިން ބެހެއްޓުމަށްފަހު އަނެއްބައި މުގުރާފަހުރި ފޮނިތޮށްޓާއި ހަކުރު އަދި ފެން އެއްކޮށް މިކްސްޗަރުން ގިރާލާށެވެ. ދެން ކުރިން ކޮށާފައި ބެހެއްޓި އާފަލު އޭގެތެރެއަށް އެއްކޮށްލުމުން އެހެރީ އާފަލު ޖޫސް ތައްޔާރުކޮށް ނިމިފައެވެ. ފިނިކޮށްލައިގެން ބޯން މީރު މި ބުއިމަށް އައިސްކިއުބާއި ދެތިން މިންޓް ލީފް އިތުރުކޮށްލުމުން އަދި ވަރަށް މީރުވާނެއެވެ.