logo

"އޭޝިއާ-ޕެސިފިކް ޑައިލޮގް ޕްލެޓްފޯމް އޮން އެންޓިސިޕޭޓަރީ އެކްޝަން"ގައި އެންޑީއެމްއޭ އިން ބައިވެރިވެއްޖެ

މަޒީ
6 ގަޑިއިރު ކުރިން

"އޭޝިއާ-ޕެސިފިކް ޑައިލޮގް ޕްލެޓްފޯމް އޮން އެންޓިސިޕޭޓަރީ އެކްޝަން" ގެ ނަމުގައި ކާރިސާތަކާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ސަރަޙައްދީ ފެންވަރުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 17 އިން 19 އަށް ތައިލެންޑުގެ ބެންކޮކުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެންޑީއެމްއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ އޮތޯރިޓީގެ ޑިރެކްޓަރ އޮފް ޑިޒާސްޓަރ އެންޑް ކްލައިމެޓް ރެޒިލިއަންސް، ޙަސަން ޒިޔާއުއެވެ.

އެ ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ "ރީޖަނަލް މާކެޓްޕްލޭސް" ގައި ރާއްޖޭގައި ވިލުންތެރިކަން އިތުރުކުރުމަށް އެންޑީއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް ދައްކާލައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކުގެ ބައިވެރިންނާ އެކު ތަޖުރިބާއާއި މަޢުލޫމާތު ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

މީގެއިތުރުން، މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާ ގުޅިގެން އެންޑީއެމްއޭއިން ވަނީ "އިގްނައިޓް ސެޝަން" އެއް މި ބައްދަލުވުމުގައި ހުށަހަޅައިދީފައެވެ. މި ސެޝަންގައި، ކާރިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނުވަތަ "އެންޓިސިޕޭޓަރީ އެކްޝަން" މުއައްސަސާތަކުގެ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތަކުގެ ތެރެއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަނީ ހިއްސާކޮށްފައެވެ. އަދި މުޖުތަމަޢުގެ ފެންވަރުގައި ވިލުންތެރިކަން ބިނާކުރުމަށް ހިންގާ "ކޮމިއުނިޓީ ބޭސްޑް ރެޒިލިއަންސް ބިލްޑިންގ" (ސީބީއާރްބީ) ޕްރޮގްރާމާ ގުޅޭގޮތުން ވެސް މި ސެޝަންގައި މަޢުލޫމާތު ދީފައިވެއެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށާއި، ދުރާލާ ފިޔަވަޅު އެޅުމުގެ ޤާބިލުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ad