logo

އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިއްޖެ

މަރްޔަމް
7 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު ޑިވިޑެންޑް ނުވަތަ ފައިދާގެ ހިއްސާ މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ކުންފުނިތަކުގެ ފައިދާގެ ގޮތުގައި ލިބުނު 654.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު އެ އަދަދު ވަނީ 61.3 އިންސައްތަ އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ފާއިތުވެދިޔަ ހަފުތާގެ އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ދައުލަތަށް ދެއްކި 572.7 މިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރުގެ 24.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ 10.3 އިންސައްތައިގެ ކުރިއެރުމަކާއެކު 27.4 ބިލިއަން ރުފިޔާ ލިބިފައެވެ. މީގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 14.4 ބިލިއަން ރުފިޔާ ހިމެނޭއިރު، މިއީ 6.2 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކްސް 22.9 އިންސައްތަ އިތުރުވެ 6.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ އާމްދަނީ 13.5 އިންސައްތަ އިތުރުވެ ވަނީ 3.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ޓެކްސް ނޫން އާމްދަނީ ވަނީ 1.2 އިންސައްތަ ދަށްވެ 8.1 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ޖުމްލަ ޚަރަދުވެސް ވަނީ މަތިވެފައެވެ. އެގޮތުން ޖުމްލަ ޚަރަދު 14.9 އިންސައްތަ އިތުރުވެ، 39.8 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ ތެރެއިން ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 15.4 އިންސައްތަ އިތުރުވެ 34.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 51.2 އިންސައްތަ އިތުރުވެ 4.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ފާއިތުވެދިޔަ ހަފުތާގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ދާއިރާއެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ 4.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ 12.3 އިންސައްތައިގެ އިތުރުވުމަކާއެކު 5.5 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 40.7 އިންސައްތަ އިތުރުވެ 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ad