އައިސް އުފައްދާ އާރު.އެސް.ޑަބްލިޔު. ސިސްޓަމް ގާއިމް ކުރުމަށް އިތުރު 200 ފަރާތަކަށް މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ލޯނު ދޫކުރުމަށް ހުޅުވާލައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލު ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާރް.އެސް.ޑަބްލިއު ލޯން ސްކީމުގެ ފުރަތަމަ ބުރުގައި ނިސްބަތުން އެންމެ ގިނަ ލޯނު ލިބިފައިވަނީ ހިރިލަންދޫ އޮޑިވެރިންނަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މުޅި ރާއްޖެއަށް ހުޅުވާލާ މި ލޯން ސްކީމްގެ ދެވަނަ ބުރުގައި އިތުރު 200 ފަރާތަކަށް ލޯނު ދޫކުރެއްވުމަށް ނިންމަވާފައި ވާކަމަށެވެ.
އާރު.އެސް.ޑަބްލިޔު. ސިސްޓަމަކީ، ޒަމާނީ ސިސްޓަމެއް ކަމަށާ ދޯނީގައި މި ނިޒަމް ގާއިމް ކުރުމުން އައިސް ހޯދުމަށް ހުރި ދަތިތައް ޙައްލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދޯނީގައި މި ނިޒާމު ޤާއިމުކުރުމަށް އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށާ ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިން 200 ފަރާތަކަށް އާރު.އެސް.ޑަބްލިޔު. ލޯނު ދޫކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.