logo

ފެއަރ ބާއްވަން ހުއްދަ ނުނަގާ ސްޓޯލްތައް ވިއްކަމުންދާތީ ސަމާލުވާން އެޗްޑީސީން އެދިއްޖެ

އާޝިޔާ ޞާލިޙް
9 ދުވަސް ކުރިން

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް/ފެއަރ ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ބައެއް ފަރާތްތަކުން ސްޓޯލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައިބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް/ފެއާ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ބައެއް ފަރާތްތަކުން އިވެންޓް ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން އެ ކޯޕަރޭޝަންގެ ޕަރމިޓްސް އެންޑް ސަރވިސަސް ސެކްޝަންގެ ނަންބަރު 3356112 އަށް ގުޅައި ޔަގީން ކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އަދި އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި މިގޮތަށް އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ 14 މެއި 2025 ގައި އާންމުކޮށްފައިވާ އިއުލާނާ އެއްގޮތަށް ހުޅުމާލޭގައި ފެއަރ/ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަންވެސް އާންމުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ad