ގދ. މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑީރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، އެ މަޝްރޫއުގެ ދަށުން 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.އަދި 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.އެ މަޝްރޫއު ހަވާލުކޮށްފައިވަނީ، 174.58 މިލިއަން ރުފިޔާއަށް، 400 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ދެ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މަޑަވެއްޔަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ.މި ސޮއިކުރި ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު، ރަށުގެ ބިން އިތުރުވެ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކު، އެރަށަށް އުދަ އެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ހައްލު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

