ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 5 ލައްކަ ރުފިޔާ، ފަލަޞްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްރާ އެސޯސިއޭޝަން މޯލްޑިވްސް އާއި ހަވާލު ކޮށްފިއެވެ.
އިސްރާ އެސޯސިއޭޝަން މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމެވެ. ޚާއްސަކޮށް ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މީގެއިތުރުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ވަނީ ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ސޯޝަލް މިނިސްޓްރީއާވެސް ވަނީ ހަވާލުކޮށްފައެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ހައްގުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މިއީ ފިޠުރު ޢީދު ނަމާދަށް ދިއުމުގެ ކުރިން އޭގެ ޙައްޤުވެރިންނަށް ބަހަންޖެހޭ އެއްޗެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. ފާއިތުވި 3 އަހަރާ އަޅާބަލާއިރު އެންމެ ގިނައިން ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވަނީ މިއަހަރެވެ. ފަޤީރުންގެ ދަފްްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ފިޠުރު ޒަކާތް ބަހައި ނިމިފައިވާއިރު، މިއަހަރު ބަހާފައިވަނީ ބޮލަކަށް 6,000 ރުފިޔާގެ މަގުންނެވެ.

