logo

ގއ. ވިލިނގިލި ސްކޫލްގައި ކިޔެވުން ނުހުއްޓޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނަން

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކިޔެވުން ނުހުއްޓޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ތައުލީމާއި ބެހޭ ވަޒީރު އިސްމާއިލް ޝަފީއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. އަދި ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ ދަނވަރު 12:30 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާއިރު، އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ދަނވަރު 02:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގައި ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، އަލިފާނުގެ ސަބަބުން ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިންގ ރޫމްގެ އިތުރުން އެއް ކިލާސްރޫމް އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި އަލިފާން ހިނގި ބްލޮކް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.

ވަޒީރު ޝަފީއު ވިދާޅުވީ އަލިފާން ނިއްވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުންނަށް އިންތިހާއަށް ޝުކުރު ދަންނަވާ ކަމަށެވެ. ވަކިން ހާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް، އެ ވުޒާރާގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައި އިމާރާތެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ad