logo

ދެ އިންތިހާބު އެއްކޮށް ބާއްވަން ފާސްކޮށްފި

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، މަޖިލީސް އިންތިހާބު ބާއްވަންވާނީ ކޮންމެ ފަސް އަހަރަކުން، ރައީސް ހޮވަން ބާއްވާ އިންތިހާބާ އެކުގައެވެ.

އެ އިސްލާހުގައި، މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަސް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި ބިލު ފާސްވުމާ އެކު، މިހާރު މިހިނގާ 20ވަނަ މަޖިލީހުގެ ދައުރު ގާތްގަނޑަކަށް 5 މަހަށް ކުރުވެގެންދާނެއެވެ.

އެ ބިލު ދިރާސާ ކުރުމަށް ފަހު އިއްޔެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމި ގޮތަށް، މިއަދު ވަނީ މަޖިލީހުގެ ތަޅުމުން ބިލު ފާސްކޮށްފައެވެ. ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓުންނެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި ބިލާ ދެކޮޅު ހަދާފައެވެ. އެމްޑީޕީން ބުނާ ގޮތުގައި، އިންތިހާބު ބާއްވަން ހިނގާ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން މި އިސްލާހު ގެންނަނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިއްބައިދޭ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށެވެ.

މިއަދު އެ ބިލަށް ބަހުސް ކުރިއިރު ވެސް އެމްޑީޕީ މެންބަރުން ވަނީ ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ. އިހުތިޖާޖުކުރި މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

މި ބިލު މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ވަކިން ނަގާނަމަ ބޮޑު ހަރަދެެއް ކުރަންޖެހޭތީ އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާ ދީފައެވެ. މި ވޯޓު ނެގޭނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ކޮމިޝަނަށް ވޯޓު ނެގުމަށް އެންގުމުންނެވެ.

ad