އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެެ.
އީރާނުން ޔޫއޭއީއަށް ހަމަލާ ދިން ކަމަށް ބުނާ ވާހަކަތަށް ފެންމަތިވީ އިއްޔެ އެވެ. ނަމަވެސް އިރާނުންވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ޔޫއޭއީއަށް ދިން ޑްރޯނާއި މިސައިލް ހަމަލާތައް ކުށްވެރިކޮށް ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ޔޫއޭއީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު ބިނާރުތަކަށް އަމާޒުކޮށް ދިން ހަމަލާތަކަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ.
އަދި މިއީ މުޅި އެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ދިވެހިރާއްޖެއިން ވަނީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްފަ އެވެ. އަދި އެ ގައުމުގެ އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ ނިންމުންތައް ދިފާއުކުރުމަށް ޔޫއޭއީން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.
މީގެ އިތުރުން، މިފަދަ ހަމަލާތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް މަޝްވަރާގެ މަގު އިހުތިޔާރުކުރުމަށާއި ޑިޕްލޮމެޓިކް ހައްލުތައް ހޯދުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
މި ހަމަލާތައް ދީފައި ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ދަތުރު ކުރަން މަސައްކަތް ކުރާ އުޅަނދުތަކަށް އެހީވުމަށް އެމެރިކާ ސިފައިން ފެށި ހިސާބުން، އެ ކަނޑު މަގުން ދަތުރު ކުރަން ބޭނުންވާ އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް އިރާނުން ބުނީ ޔޫއޭއީއަށް ހަމަލާ ދިނުމުގެ ވިސްނުމެއް އީރާނުން ނެތް ކަމަށެވެ.
މީގެ ކުރިންވެސް އީރާނުން ވަނީ އެ ހަމަލާތަކަކީ އީރާނުގެ ސަރަހައްދުން ޔޫއޭއީއަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ނޫން ކަމަށް ބުނެފަ އެވެ.

