ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.
ޓްވިޓާގައި އާންމުވެފައިވާ ސިޓީގައި ރާއްޖޭގެ ކަނޑުން ބައެެއް ދޫކޮށްލި ކަމަށް ބުނާ އެއްވެސް ވާހަކައެއް ނެތެވެ.
އެ ސިޓީގައި ރައީސް ސޯލިހް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށެވެ.
އެގޮތުން ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މި ސިޓީ ލީކުވެފައި މިވަނީ ރިޔާސީ ކެމްޕޭނުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އިދިކޮޅުން ފެތުރި ދޮގުތަކަށް ރައްދުނުދެވުން ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.
ރައީސް ވަނީ ދެވަނަ ބުރުގައި ހާމަކުރެވެންހުރި ހުރިހާ އެއްޗެއް ހާމަކޮށް އިތުރަށް ހަގީގަތް އޮޅުންފިލުވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރިޔާސީ އިންތިހާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުކުރެވުނުއިރު އިންތިހާބުގެ ހުރިހާ ވޯޓު ފޮށްޓެއް ގުނާ ނިމުނުއިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
މުއިއްޒު ވަނީ އެއްލައްކަ އެއްހާސް ހަސަތޭކަ ތިރީސް ފަސް ވޯޓު ހޯއްދަވާފަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ އަށްޑިހަ ހަހާސް ސަތޭކަ ފަސްދޮޅަސް އެއް ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.