ހއ. މުރައިދޫއާއި ބާރަށުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް ޙަސަން ރަޝީދުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އެވެ.
މީގެ އިތުރުން، ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހއ. ބާރަށު ރިންގް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައިވެސް ދެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އާއި އާރްޑީސީގެ އެމްޑީ އިބްރާހީމް ނަޡީމް އެވެ.
މި ދެ މަޝްރޫއަކީވެސް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ. މީގެ ތެރޭގައި ހއ. މުރައިދޫގެ މަގުތައް ހެދުމާއި، ހއ. ބާރަށުގެ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އާރްޑީސީއާ ހަވާލުކުރެވުނު މަސައްކަތްތަކެކެވެ.

