logo

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

އާމިނަތު މޫސާ
14 ގަޑިއިރު ކުރިން

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަނޑާލައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ޚަރަދު އަނބުރާ ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، ހިޔާ ފްލެޓްތަކުގެ ވެރިންނަށް މިދިޔަ ހަފްތާ ވަނީ ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000 ރުފިޔާގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށް، ކުރިއަށްއޮތް ދެއަހަރުވެސް އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މެއިންޓައިނަންސްފީގެ ގޮތުގައި ކޮންމެ މަހަކުވެސް 1،000ރުފިޔާ ދައްކަންޖެހޭނެކަމަށެވެ.

އެޗްޑީސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ އަދަދު އުނިކުރުމަށްފަހު ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނެތްނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5،300 ރުފިޔާގެ މަގުން ހަމަވަންދެން ކުލި ދައްކާކަށް ނުޖެހޭނެއެވެ. މި ބަދަލާއެކު، ހިޔާ ފްލެޓްތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ 1 މެއި 2028 ގައެވެ.

ކުލި ކަނޑައިލި ނަމަވެސް، ފްލެޓްތަކުގެ މެނޭޖްމެންޓް ފީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަށް ގެނައި ބަދަލާއެކު، މިހާތަނަށް ކޮންމެ އެޕާޓްމެންޓަކުން މަހު ކުލީގެ ގޮތުގައި ނަގަމުން އައީ 3،984 ރުފިޔާއެވެ. މެއިންޓެނެންސް ފީގެ ގޮތުގައި ނަގާ 1,000 ރުފިޔާއާއެކު މަހަކު ޖުމްލަ ދައްކަން ޖެހެނީ 4,984 ރުފިޔާއެވެ.

ނަމަވެސް، އެޗްޑީސީން ބުނީ މިހާރު ދީފައިވާ ޑިސްކައުންޓްގެ އަގު ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓްތަކުގެ އަގު އެއްކޮށް ދައްކާ ހަލާސްކުރެވެންދެން ފްލެޓުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 5،300 ރުފިޔާ ކަމަށެވެ. މި ނިންމުމަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ފިނިޝިން މަސައްކަތްތަކަށް ކުރަންޖެހުނު ބޮޑު ހަރަދަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

އެޗްޑީސީން ބުނީ މި ގެނެވޭ ބަދަލާ ގުޅިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރެވެމުންދާ ކަމަށާއި އެހެންކަމުން، މާރޗު މަސް ނިމުމުން އެ މަހުގެ ނިޔަލަށްވާ ބެލެންސް އަދަދަށް ބަލައި، އޭގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށެވެ.

ad