ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ޚިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ޖޫން 17 ވަނަ ދުވަހު، މާލޭ ކޮމާޝަލް ހާބަރުގައި،ޚާއްސަ އޮޕަރޭޝަނެއް ވަނީ ހިންގިފައި ކަމަށެވެ.
އެގޮތުން މިއޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައިވާ ކަމަށާއި، މިގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި ކަމަށެވެ.
މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤުކުރެވެމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ އެހެން އޮޕަރޭޝަންތަކެއްގައިވެސް 1،108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފައިވެއެވެ. މި ތަކެތި އެތެރެކުރަން އުޅުނީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން، އޮޅުވާލައިގެންނެވެ.

.jpg&w=256&q=75)
