ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމް.އެމް.އެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އާއެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ އެއަރޕޯޓުގައި ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ކާމިޔާބު ފިޔަވަޅެއް ކަމަށެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކިފަރާތްތަކުގެ ޒިންމާތައް ހިއްސާކުރުމަށް މަގުފަހިވާނެ ކަމަށް ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މައި އެއަރޕޯޓަކީ އަބަދުވެސް ތަފާތު ބަދަލުތައް އަންނަ ތަނަކަށް ވުމާއެކު، އެއަރޕޯޓުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮންނަ ފައިދާހުރި ކޯޑިނޭޝަންގެ ސަބަބުން ކަމަށްވެސް ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ. މީގެ އިތުރުން، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަކީ ވަކި އިދާރާއަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ހުރިހާ ހިއްސާދާރުންގެ މެދުގައި އޮންނަ އިތުބާރާއި، ހާމަކަންބޮޑު މުޢާމަލާތްތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަންވެސ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެ ފަހުމުނާމާގެ ސަބަބުން އުފެދޭ ގުޅުންތަކުގެ ތެރެއިން އޮޕަރޭޝަނަލް އުސޫލުތައް އިތުރަށް ހަރުދަނާވެ، ގުޅިގެން ހިންގާ ތަމްރީނުތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް އެމްއޭސީލއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އަވަސް އަދި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ޤާބިލުކަން އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.
އެން.ޑީ.އެމް.އޭ، އެމް.އެމް.އެސް އަދި އެމް.އާރް.ސީ އިން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވަމުން، މި މަސައްކަތްތަކަކީ ފަސިންޖަރުންނާއި މުވައްޒަފުންގެ އިތުރުން މުޅި އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި، ކަމާގުޅޭ ހުރިހާ އިދާރާތަކާއެކު އެމް.އޭ.ސީ.އެލް އިން އަބަދުވެސް ގާތުން މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ދެއްވިއެވެ.

.jpg&w=256&q=75)
