logo

ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި 3 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަނީ

މަޒީ
9 ގަޑިއިރު ކުރިން

އަންނަ ރަމަޟާންމަހުގެ ކުރިން ހުޅުމާލޭގައި އިތުރު 3 މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ 3 މިސްކިތެއްގެ މަޢުލޫމާތު އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަށްސާއި ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާއިރު، އެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މިސްކިތްތައް ބިނާކުރުންވެސް ހިމެނޭއިރު، މިކަމުގައި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަންވެސް ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ހުޅުމާލޭގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރަމުން އަންނަ މަސްޖިދު މާޔާ އަންނަ ނޮވެންބަރު މަހު ރަސްމީކޮށް ހުޅުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މަސްޖިދު މާޔާގެ އިތުރުން ހުޅުމާލެ ފޭސް 1 ގައި ހެޔޮ އެދޭ ފަރާތަކުން ބިނާކުރާ މަސްޖިދު ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އާއި، ފޭސް 2 ގެ އަމާން އުދަރެސް ސަރަޙައްދުގައި ބިނާކުރާ މިސްކިތްވެސް އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތައް މިހާރުވެސް ދަނީ ހިންގަމުންނެވެ. ބައެއް ރަށްރަށުގައި މިސްކިތްތަކުގެ އަމަލީ މަސައްކަތް މުޅިން ނިމިފައިވާއިރު، އަނެއްބައި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ވަނީ ފަރާތްތަކާ ހަވާލުކޮށްފައެވެ.އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްލަ 14 މިސްކިތެއް ހުޅުވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ރައްޔިތުންނަށް ފަސޭހައިން ނަމާދުކުރެވޭނެ، އަދި ދިނީ ކަންކަމަށް މަގުފަސޭހަކުރުމުގެ ގޮތުން ޒަމާނީ ފެންވަރަށް ވަސީލަތްތައް ތަރައްްޤީކޮށް، އެ އިންތިޒާމުތައް ވީ އެންމެ އަވަހަކަށް ހަމަޖައްސައިދިނުމަށެވެ.

ad