logo

ޒުވާން ވިޔަފާރިވެރިންނަށް އެހީވާން އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އިނީޝިއޭޓިވްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ މަގުސަދަކީ މާލީ އެހީތެރިކަމުގެ އިތުރުން، މެންޓާޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓާކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުނެފައިވެ އެވެ.

މި އެމްއޯޔޫގެ ދަށުން، ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިން ޕްރޮގްރާމްގެ ފައިދާ ލިބޭ ފަރާތްތަކަށް ބީސީސީން މި ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. މީގެ ސަބަބުން ވިޔަފާރިތައް ފަށައި، ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުންވާ އަމަލީ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ލިބިގެންދާނެ އެވެ.

މި ޕާޓްނަރޝިޕް އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުމެއް ނޫން ކަމަށެވެ. އަދި ބޭނުންވަނީ ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، އަދި ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެކުދިން ބާރުވެރިކުރުވަން ކަމަށް ވިދާޅުވިއެވެ.

ބީސީސީއާއެކު ގާއިމުކުރެވުނު ގުޅުމުގެ ސަބަބުން މާލީ އެހީތެރިކަމާއި، މެންޓަރޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވެގެންދާނެ ކަމަށް ބަދުރުއްދީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަނީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުގެ ވިޔަފާރިތަކަށް ވަރުގަދަ ބިންގަލެއް އެޅުމަށް ކަމަށެވެ.

މި ޕާޓްނަރޝިޕް އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށާއި، ރާއްޖޭގެ އުފެއްދުންތެރި އަދި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެއްވާ ހާއްސަ އަހަންމިއްޔަތުކަމާއި ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ހައްގު ކަމަށެވެ.

ޒުވާން ވިޔަފާރިވެރިންނަކީ އައު އީޖާދުތަކާއި، އުފެއްދުންތެރި ވިސްނުންތަކުގެ އިތުރުން އިގްތިސާދީ އައު ފުރުސަތުތައް ފަހިކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޒުވާނުންނަށް ބޭނުންވާ އެހީތެރިކަމާއި ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމުކޮށްދެވިއްޖެނަމަ، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އުއްމީދީ އައު ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުވެ، އިތުރު ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މީގެއިތުރުން މިއީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާތަކުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

މި އެއްބަސްވުމަކީ އަމަލީ ގޮތުން ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް ގުޅުވާލައިގެން ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރިވެރިކަން ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން ކުރާ ގުޅިފައިވާ މަސައްކަތެކެވެ. މިގޮތުން، ވިޔަފާރި ފެށުމުން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިންގ މަރުހަލާއާ ހަމައަށް އެހީތެރިކަން ލިބި، ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަން އިތުރުވެ، މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ 'ޔޫތު އޯންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި، ފަސޭހަ، އަވަސް އަދި މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ އެޕްލިކޭޝަން މަރުހަލާއެއް ހިމެނޭ ޕްރޮގްރާމެކެވެ.

ޔޫތު އެންޓްރަޕްރިނިއާޝިޕް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލައިފައެވެ.

ad