ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގަތް 4 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މި ޝަރަފު އެރުވި ހަތަރު ބޭފުޅުންނަކީ ޑރ. މުޙައްމަދު ލަޠީފް، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާ (އުއްޗު) އަދި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފެވެ.

ޑރ. މުޙައްމަދު ލަޠީފަކީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެޑިޔުކޭޝަން މިނިސްޓަރުކަމާއި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރުކަން ފުރުއްވައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންކުރުމުގައާއި ސިވިލް ސަރވިސް ގާއިމުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. މީގެއިތުރުން ޚާރިޖީ ދާއިރާގައި އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ 43 އަހަރަށްވުރެ ގިނަ ދުވަހު ދީނީ ޢިލްމު ފެތުރުއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި އިބްރާހީމް ރަޝީދު މޫސާ ވަނީ 50 އަށްވުރެ ގިނަ ފޮތް ލިޔުއްވައި، ރޭޑިއޯ އާއި ޓީވީ މެދުވެރިކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ޙުސައިން ޢަފީފަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ އިސް އެއް ބާނީއެވެ. އެމަނިކުފާނު ވަނީ ދުނިޔޭގެ ފުރަތަމަ ސޯލަރ ރިޒޯޓު ތަރައްޤީކުރައްވައި، ޓްރީ ޓޮޕް ހޮސްޕިޓަލް ފަދަ މުހިންމު ޚިދުމަތްތައް ރާއްޖެއަށް ތަޢާރުފުކޮށްދެއްވާފައެވެ.
މުޙައްމަދު މޫސާ (އުއްޗު) އަކީ ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި، މީޑިއާ އަދި މާލީ ދާއިރާ ކުރިއެރުވުމުގައި ނުހަނު ބޮޑު ޙިއްޞާއެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނަކީ އައްޑޫ އާއި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރުމުގައާއި އިޖުތިމާޢީ އެކި ކަންކަމުގައި ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެކެވެ.

މި ހަތަރު ބޭފުޅުންނަކީވެސް އެ ބޭފުޅުންގެ ދާއިރާތަކުން ޤައުމަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މީގެ ކުރިންވެސް ދައުލަތުގެ އެކި ފެންވަރުގެ ޝަރަފުވެރި އިނާމުތައް ހާސިލުކުރައްވާފައިވާ ބޭފުޅުންނެވެ.
ދިވެހި ދައުލަތުން ދެއްވާ ޢިއްޒަތް ދެއްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ގާނޫނުގެ ދަށުންނެވެ. ދިވެހި ދައުލަތުން މީހުންނަށް ދިނުމަށް ޢިއްޒަތާއި މެޑައްޔާއި ލަޤަބާއި ކުލަ ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވައެވެ. އެގޮތުން ދެއްވާ ޢިއްޒަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތުން ދެއްވާ އެންމެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި އަދި ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން ދެއްވާ ދިވެހި ދައުލަތުގެ ޢިއްޒަތް ހިމެނެއެވެ.

.png&w=3840&q=75)