އެއްޖިންސުގެ ދެމީހުން ރާއްޖޭގެ ރިސޯޓެއްގައި ކައިވެނިކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފުލުހުންގެ އިދާރާގައި އެދިފައިވާނެކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިރޭ ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ޤާނޫނު އަސާސީއާއި ކަމާ ގުޅުން ހުރި ގަވާއިދުތަކާ ޚިލާފަށް މިފަދަ ކަންކަން ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭނެކަމަށެވެ. އަދި މި މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި 4 ނޮވެމްބަރ 2026 ގައި އެމަނިކުފާނުގެ ވުޒާރާއިން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ދިވެހިރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ޖަރީމާތާކުން ރާއްޖެ ސަލާމަތްކުރުމުގައި ދެމިތިބެންޖެހޭކަމަށެވެ.
މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދިން ކަމުގައިވެފައި، ދީނީ އަދި ޝަރުޢީ އުސޫލުތަކާއި، ދިވެހިރައްޖޭގެ ޤާނޫނުތަކާއި ޢާންމު އިޖްތިމާއީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފް މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާ، ރިސޯޓް ގެސްޓް ހައުސް އަދި އެހެނިހެން ވަޒީފާ ތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް އެންމެހަ ފަރާތްތަކަށް އިލްތިމާސް ކުރާކަމަށެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށާއި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއާ ގުޅޭ މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.


