އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ފަދަ އާލާތްތައް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯތަކަކީ، ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ހިލާފު ފޮޓޯތަކެއް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
ޕާސްޕޯޓަށް ހުށަހަޅާ ފޮޓޯއާ ގުޅެގޮތުން އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނުވަތަ އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް އެދޭ ކަަމަށެވެ.
އަދި ޕާސްޕޯޓް ހައްދަން އެޕްލިކޭޝަން ހުށަހަޅާއިރު ބައެއް ފަރާތްތަކުން އޭއައިއޭ ބޭނުންކޮށްގެން ފޮޓޯ އެޑިޓްކޮށްފައި ހުންނަ މައްސަލަ ވަނީ އިމިގްރޭޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މިފަދަ ފޮޓޯތަކަކީ ޕާސްޕޯޓް ފޮޓޯ މިންގަނޑާއި ހިލާފު ފޮޓޯތަކެއް ކަމަަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވަނީ ޕާސްޕޯޓަށް އެދި ހުށަހަޅާ ފޮޓޯތަކުގައި އާންމުކޮށް ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، އިމިގްރޭޝަންގެ ފޮޓޯ މިންގަނޑަށް އަހުލުވެރިކުރުވުމަށް ސެޝަންތަކެއްވެސް ބާއްވައިފައެވެ. އެއިރު އިމިގްރޭޝަނުން ބުނީ، މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފޮޓޯ ނެގުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން ކަމަށެވެ.
މިކަމާ ގުޅިގެން މިއަދު އިމިގްރެޝަނުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޓިފިޝަލް އިންޓަލިޖަންސް ބޭނުންކޮށްގެން ޕާސްޕޯޓް ފޮޓޯ އެޑިޓްކޮށްފިނަމަ އެއީ އުސޫލާ ހިލާފް ކަމެއްކަމަށެވެ. ޕާސްޕޯޓަކީ މީހާގެ އައިދެންޓިޓީ ކަށަވަރުކޮށްދޭ މުހިންމު ސެކިއުރެޓީ ޑޮކިއުމެންޓަކަށް ވާތީވެ، ފޮޓޯ ހުށަހެޅުމުގައި ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

