ހުޅުމާލެ އޮރަކެއަރ ޑެންޓަލް ކްލިނިކުން ދަތް ނެގުމަށްފަހު މަރުވި 60 އަހަރުގެ އަންހެން މީހާގެ ކޭސްގައި ކްލިނިކްގެ ކުރިން ފަރުވާ ހޯދި ހޮސްޕިޓަލުގެވެސް އިހުމާލު އެބައޮތް ކަމަށް ހެލްތްގެ ރިވިއުގައި ފާހަގަކޮށްފިއެވެ.
އެމީހާ ފުރަތަމަ ދައްކާފައިވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.
ބަލިމީހާއަކީ ދާއިމީ ބައްޔަކަށް ބޭސްކުރަމުންދިޔަ ފަރާތެއްކަން އެނގެން އޮތްއިރު ވެސް، ދަތުގެ ފަރުވާ ކުރިއަށް ގެންދިއުމުގެ ކުރިން ހަކުރުބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ބަލައި ރެކޯޑުކޮށްފައި ނުވާއިރު، ފަރުވާ ފެށުމުގެ ކުރިން ފިޒީޝަނެއްގެ އިރުޝާދުވެސް ހޯދާފައެއް ނުވެއެވެ. ދަތް ނަގަން ފެށުމުގެ ކުރިން ބަލަންޖެހޭ އެންމެ އަސާސީ ކަންކަން ކަމަށްވާ ވައިޓަލް ސައިންސް އާއި ލޭގައި ހަކުރު ހުރި މިންވަރު ވެސް ބަލާފައި ނުވާކަން ރިޕޯޓުން ހާމަވެއެވެ.
ދަތް އުފުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އޯރަލް އެންޑް މެކްސިލޯ ފޭޝަލް ސަރޖަނަކަށް ދެއްކުމަށް ބަލިމީހާ ރިފަރ ކުރިއިރު ވެސް، އިމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ފަރުވާ ދެވޭނެ ފަދަ ހޮސްޕިޓަލެއްގެ ބަދަލުގައި ރިފަރކުރީ ކްލިނިކަކަށެވެ. އަދި ބަލިމީހާ ރިފަރ ކުރި ލިޔެކިޔުންތަކުގައި އައްސިކުރުމަށް ދެވުނު އިންޖެކްޝަންގެ ތަފްސީލް ހިމަނާފައި ނެތެވެ.
ޑީސެމްބަރު 2025ގައި ހިނގައިދިޔަ މި ހާދިސާގައި ޓްރީޓޮޕް ހޮސްޕިޓަލުގެ އިތުރުން އޮރަކެއަރ ކްލިނިކްގެ ވެސް ގިނަ މައްސަލަތަކެއް ހެލްތް މިނިސްޓްރީން ހެދި ރިވިއުއަށްފަހު އާއިލާއާ ހިއްސާކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


